ގުޅިފަޅުގައި ހިންގަނީ އަޑިނޭނގޭ މަސައްކަތެއް: ސައީދު
ޕޯޓް ބަދަލު ކުރުމުގެ ނަމުގައި ގުޅިފަޅުގައި ހިންގަނީ އަޑި ނޭނގޭ މަސައްކަތެއް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅު ވެއްޖެ އެވެ.
ގުޅީފަޅުގައި މާލޭ ކޮމާޝަން ޕޯޓް ހެދުމަށް އެ ފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަން ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލު ކޮށްގެން އެ މަސައްކަތް ވަނީ ފަށައިފަ އެވެ. މާލޭގެ ޕޯޓް ގުޅިފަޅަށް ބަދަލު ކުރުމަކީ މި ސަރުކާރުން މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް ފެށި އެންމެ ބޮޑު މަޝްރޫ އެވެ. އެ މަސައްކަތަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ މީހުން ގެންދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕޯޓް ބަދަލު ކުރުމުގެ ނަމުގައި ގުޅީފަޅުގައި ހިންގަނީ އަޑި ނޭނގޭ މަސައްކަތެއް ކަމަށެވެ. ތިން ގުނަ ކުޑަކޮށް ތިލަފުށީ ހުޅަނގު އުތުރު ތަރައްގީ ކުރުމުން އިސްރާފު ކުޑަވުމުގެ އިތުރުން ގުޅީފަޅު ބޯހިޔާވަހި ކަމަށް ހާއްސަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ހަގީގީ ސިނާއީ ރަށަކަށް ތިލަފުށި ވެގެންދޭ." އޭނާ ވިދާޅުވި އެވެ.
1.ޕޯޓްބަދަލުކުރުމުގެ ނަމުގައި ގުޅީފަޅުގައި ހިންގަނީ އަޑިނޭނގޭ މަސައްކަތެއް. 3ގުނަކުޑަކޮށް ތިލަފުށީ ހުޅަނގުއުތުރު ތަރައްޤީ ކުރުމުން އިސްރާފް ކުޑަވުމުގެ އިތުރައް، ގުޅީފަޅު ބޯހިޔާވަހިކަމަށް ސަލާމަތް ކުރެވޭ. އަދި ހަޤީޤ "ސިނާއީ ރަށަކަށް" ތިލަފުށިވެގެންދޭ. pic.twitter.com/VMPVyoze6h
— Mohamed Saeed (@em_saeed) June 9, 2020
ސައީދު ވިދާޅުވީ ގުޅިފަޅު ހިއްކާ ނިމޭއިރު ހަރަދުވާ 1.8 ބިލިއަން ރުފިޔާއަކީ ބޮޑު އިސްރާފެއް ކަމަށެވެ. މި އިސްރާފު ހުއްޓުވުމުން ދައުލަތަށް މާލީ ބުރަ ކުޑަވުމުގެ އިތުރުން ތިމާވެށްޓައް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ކަމަށެވެ.
"އެއީ މުސްތަގުބަލައްޓަކައި ލާޒިމް ކަމެއް. މިކަން ކުރާއިރު ތިލަފުއްޓާއި ގުޅީފަޅާއި ޕޯޓްސް ލިމިޓެޑަށް އެނގުމެއްވޭބާ؟." ސައީދުގެ ސުވާލު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށް ގުޅީފަޅުގައި ޕޯޓް އަޅަން ސަރުކާރުން ނިންމި ސަބަބާ ގުޅޭ ގޮތުން ސުވާލު ކުރި އެވެ. މިނިސްޓަރު ކޮމިޓީއަށް ހާޒިރުކުރީ، ގުޅީފަޅުގެ ފަޅު ހިއްކާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި އެ ފަރުގެ ދިރުން ގެއްލޭތީ ފާޅު ކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެނެވެ.
މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ތިލަފުށީގައި ވެސް ބަނދަރު ހެދުމުގެ ވިސްނުމެއް އޮތް ކަމަށެވެ. ނަމަވެސް އެއީ ކުނި ޖަމާ ކުރާ ރަކަށް ވެފައިވާ ޕޯޓަކީ ކާބޯތަކެތި ވެސް އެތެރެ ކުރާނެ ތަނަކަށް ވާތީ ތިލަފުށީގައި އެ ކަން ކުރުމުގެ ބަދަލުގައި ގުޅީފަޅުގައި އެ ކަން ކުރަން ސަރުކާރަށް ފެނުނީ ކަމަށެވެ.
އެ މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ގެއްލުން ލިބޭތީ އާއި އެކަމުގައި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން ފްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެއްޓަށް އަސަރުތަކެއް ކުރިޔަސް އެ މަޝްރޫއު ހުއްޓާލެވެން ނެތް ކަމަށެވެ.
އެންވަޔަރަމެންޓް ޕްރޮޖެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ކޮމިޓީގައި ބުނެފައިވަނީ މަޝްރޫއު ހުއްޓާލަން އަންގަން ޖެހޭ މިންވަރަށް ތިމާވެއްޓަށް އަސަރު ކުރަމުން ނުދާ ކަމަށެވެ.