ޚަބަރު

ސިއްހީ ކުއްލި ހާލަތުގެ ގަރާރަށް މަޖިލީހުގެ ރުހުން ހޯދަން ޖެހޭގޮތަށް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާން ކުރައްވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުގެ ރުހުން ހޯދާ ގޮތަށް އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ހުށަހަޅައިފި އެވެ.

Ads by STELCO

އާންމު ސިއްހަތުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ.

އެ ބިލުގައިވާ ގޮތުން ސިއްހީ ކުއްލި ހާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އޭގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އަދި އެއީ މަޖިލިސް ޗުއްޓީއަށް ގޮސްފައިވާ ދަނޑިވަޅެއްނަމަ، 14 ދުވަސް ތެރޭގައި މަޖިލީހަށް މެންބަރުން އެއްވެ އޭގެ މަސައްކަތް ފަށަން ވާނެ ކަމަށް ބިލުގައި ބުނެ އެވެ.

ސިއްހީ ކުއްލި ނުރައްލާ އިއުލާނު ކުރި ނަމަވެސް ވަކިކަންކަން ކުރުމުގެ ބާރު މަޖިލީހަށް ލިބިދެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުން ކުއްލި ނުރައްކާ އުވާލުމުގެ ބާރުވެސް މަޖިލީހަށް ލިބިދެވޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

ބިލުގައި ބުނާ ގޮތުން، އެ ބިލު ގާނޫނަކަށްވެ އެއަށް އަމަލު ކުރަން ފަށާއިރު ކުއްލި ހާލަތެއް އިއުލާންކޮށް އެ ހާލަތު ނިމުމަކަށް ގެނެސްފައި ނުވާނަމަ އެ ހާލަތުގެ ގަރާރާ މެދުގައި ވެސް އަމަލު ކުރަން ޖެހޭނީ ބިލުގައި ބުނެފައިވާ ގޮތަށެވެ. އެހެންކަމުން މަޖިލީހުން ބިލު ފާސްކުރާއިރު، މިހާރު އިއުލާންކޮށްފައިވާ ކުއްލި ހާލަތު ނިމުމަކަށް ނުގެންނަނަމަ، އެ ގަރާރުގެ މުއްދަތު އިތުރު ކުރުމުގެ ކުރިން މަޖިލީހަށް އެ ގަރާރު ފޮނުވައި ރުހުން ހޯދަން ޖެހޭނެ އެވެ.

ސިއްހީ ކުއްލި ނުރައްކާ އިއުލާނުކުރާ ގަރާރުގެ މުއްދަތު އިތުރުކުރަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ފެންނަ ނަމަ، އިއުލާނުކޮށްފައިވާ ކުއްލި ނުރައްކާ ހާލަތު ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!