ޚަބަރު

ދިރުންތައް ހިމާޔަތްކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލާނީ ކައުންސިލަރުން: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ރަށްރަށުގެ ވަށައިގެންވާ ކަނޑުފަޅާއި ދިރުންތައް ހިމާޔަތްކުރުމުގެ އެންމެބޮޑު ޒިންމާއެއް އުފުލާ ފަރާތަކީ ކައުންސިލަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން"ގެ ހަރަކާތްތައް އިފްތިތާހުކޮށްދެއްވުމަށް ހދ. ނޭކުރެންދޫގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާއިއެކު ރަށްރަށުގެ އިހުތިސޯސްގައި ހިމެނޭ ކަންކަން ބެލެހެއްޓުނުގައި ކައުންސިލްތަކުން ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ކުރިއެރުން ދެމިގެންދަނީ ގެނެވޭ ތަރައްގީގެ މައްޗަށް ކަމުގައި ވާއިރު، ތަރައްގީ ގެނައުމުގައި ގުދުރަތީ މުއްސަދިކަމާއި ކަނޑުފަޅުގެ ދިރުން ނެތިދާނޭގޮތަކަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއްނޫންކަމަށެވެ. އަދި މިސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދޭ ތަރައްގީއަކީ ޖާޒީރާ ވަންތަކަން ނުގެއްލޭގޮތަށް ގެނެސްދޭ ތަރައްގީއެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު އެއްބަސްވުމުގައި ސޮއެ ކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިހާރު އ.ދ ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގްތިސާދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ވިއުގައެކެވެ. މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އެ ޖަމާއަތާއި ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގްސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!