ނައުޝަމް: ދެކެމުންދާ ހުވަފެންތަކުގައި ކުލަ ޖައްސަނީ ނަގާ ފޮޓޯތަކުން
ފޮޓޯގްރާފަރުންގެ މަސައްކަތަކީ ވަރަށް ގިނަފަހަރަށް އަގުވަޒަން ނުކުރެވިފައި އޮންނަ މަސައްކަތެކެވެ. އަޅުގަނޑުމެންނަށް ފެންނަނީ އެފޮޓޯގްރާފަރުން ނަގާފައިވާ ހިތްގައިމު، މާނަފުން އަދި ޗާލު ފޮޓޯތަކެވެ. ނަމަވެސް، އަޅުގަނޑުމެންނަށް ނޭނގިފައި އޮންނަކަމަކީ، އެފޮޓޯތައް ނެގުމަށްޓަކައި އެފޮޓޯގްރާފަރުންކުރާ ބުރަ މަސައްކަތްތަކެވެ. އަޅުގަނޑުމެންނަށް ފެންނަނީ ކެމެރާގެ ލެންސްއިން ނަގާފައިވާ ފޮޓޯއެވެ. އެކެމެރާ ހިފަހައްޓައިގެން ހުރެ ފޮޓޯގްރާފަރުން ކުރާ ބުރަ މަސައްކަތެއްނޫނެވެ.
މިހާރަކަށް އައިސް ހާއްސަ މުނާސަބަތުތަކާއި ހާއްސަ ދުވަސްތަކާއި ގުޅުވައިގެން ވަރަށް ޗާލު އެހާމެ ހިތްގައިމު ފޮޓޯތަކެއް މީސްމީޑިއާއިން ފެނިގެންދެއެވެ. ކޮންމެއަކަސް، މި ފޮޓޯތަކަކީ ކޮން ފޮޓޯގްރާފަރެއްގެ ބުރަ މަސައްކަތްތަކެއްތޯ ބަލާލުމުގެ ޝައުގު އަޅުގަނޑުގެ ހިތުގައިވެސް އުފެދިއްޖެއެވެ. ހޯދިހޯދުމުން އެނގުނީ މި ފޮޓޯގްރާފަރަކީ އުމުރުން އެންމެ ނަވާރަ އަހަރުގެ ގދ.ތިނަދޫއަށް އުފަން ހުނަރުވެރި، އެހާމެ ކުޅަދާނަ ނައުޝަމް ވަހީދު ކަމެވެ. މިފޮޓޯގުރާފަރު މިހާ ރީތިކޮށް ފޮޓޯނެގުމަށްޓަކައި ފެށުނީއްސުރެ ކުރި މަސައްކަތް އިނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ؟
އެެންމެ ކުޑައިރުއްސުރެވެސް ފޮޓޯގްރަފީއަށް ޝައުގުވެރިކަން ހުރޭ!
ދެން އެމްވީ އާއި ވާހަކަދައްކަމުން ކުރިއަރަމުން އަންނަ ފޮޓޯގްރާފަރު ނައުޝަމް ބުނިގޮތުގައި އެންމެ ކުޑައިރުއްސުރެވެސް އޭނާއަކީ ފޮޓޯގްރަފީއަށް ޝައުގުވެރިކަން ހުންނަ ކުއްޖެއް ކަމަށެވެ. އަދި އެންމެ ފުރަތަމަ ފޮޓޯގްރަފީ ފަށައިގަތީ ފޯނުންކަމަށް ނައުޝަމް ބުންޏެވެ. އަދި އޭރުންސުރެވެސް މީހުން ބަލައިގަންނަ މީހުން ކަމުދާފަދަ ފޮޓޯތަކެއްނެގުމަކީ އޭނާ ދެކެމުން އައި ހުވަފެނެއްކަމުގައި ނައުޝަމް ބުންޏެވެ.
ކޮންމެ ކަމަކީވެސް ކުޑަކުޑަ ހުވަފެނަކުން ފެށޭ ކަމެއްކަމަށާއި ރާއްޖޭގެ އެންމެ މޮޅު ފޮޓޯގްރަފަރުންގެ ތެރޭގައި ކޮންމެވެސް ދުވަހަކުން އޭނާގެ ނަންވެސް ހިމެނޭނެ ކަމަށް އަބަދުވެސް އުއްމީދު ކުރިކަމަށް ނައުޝަމް ބުންޏެވެ. އަދި އެހިސާބަށް ދިއުމަށްޓަކައި ކުރިމަތިލާންޖެހޭ ކޮންމެކަމަކަށް ކުރިމަތިލުމަށް އަޒުމް ކަނަޑައެޅި ކަމަށް ނައުޝަމް ބުންޏެވެ.
އެންމެ ފުރަތަމަ ލިބުނު ކެމެރާއަކީ ބައްޕަގެ ހަދިޔާއެއް.
ނައުޝަމް ބުނީ އެންމެ ފުރަތަމަ އޭނާއަށް ލިބުނު ކެމެރާއަކީ އުމުރުން 17 އަހަރުގައި ބައްޕަ ފިން ހަދިޔާއެއް ކަމަށެވެ. އެއީ 2017 ވަނަ އަހަރެވެ. ނައުޝަމް ބުނީ އެންމެ ފުރަތަމަ ކެމެރާއަށް ލެންސް ލައްވާނެ ގޮތެއް ނޭނގިގެން ވަރަށް އުޅުނިން ކަމަށާއި އެކަންތައް ދަސްކުރީ އަމިއްލަ މަސައްކަތު ޔޫޓިއުބުންނާއި އިންޓަރނެޓުން މައުލޫމާތު ހޯދައިގެން ކަމަށެވެ.
ދެންއެމްވީ އާ ވާހަކަ ދައްކަމުން ނަޢުޝަމް އިތުރަށް ފާހަގަ ކުރި ކަމަކީ ކެމެރާ އިން ފޯކަސްކުރަން އޭނާ އަށް ދަސްވީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ މަސައްކަތުން ކަމަށެވެ. އަދި އެކަން ކުރަން ދަސް ކުރީވެސް އަމިއްލައަށް ކުރި މަސައްކަތުން ކަމަށާއި ދަސްވަންދެންވެސް ވަރަށް ގިނައިން ފޮޓޯ ނަގާ ހެދިކަމަށް ނައުޝަމް ބުންޏެވެ.
ފުރަތަމަ ނެގި ފޮޓޯ ތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން
ނައުޝަމް ބުނީ ފުރަތަމަ ފޮޓޯ ނަގަން ފެށި ދުވަސް ވަރު ވަރަށް ގިނަ ބަޔެއްގެ ފާޑުކިޔުން ވެސް އަމާޒު ވީ ކަމަށާއި އަދި ވަރަށް ގިނަ ބަޔަކު ފޮޓޯ ތައް ހަޑި ކަަމުގައި ވެސް ފާހަގަ ކުރި ކަމަށެވެ. މިކަން ފާހަގަ ކުރަމުން ނައުޝަމް ބުނީ ހަމަ ހަގީގަތުގައި ވެސް ނައުޝަމްގެ ފޮޓޯ ތަކަކީ އޭރު އެހާ ރަނގަޅު ފޮޓޯ ތަކެއް ނޫންކަމަށް ޚުދު ޢޭނާވެސް ގަބޫލު ކުރާ ކަމަށެވެ.
އެހެން ކަމުން ކުރިމަތިވި ފާޑު ކިތުންތައްވެސް އޭނާ ދެކުނީ ކުރިއަށް ދިއުމަށް ލިބުނު ހތްވަރެއްގެ ގޮތުގައި ކަމަށާއި އެދުވަހު ފޮޓޯތަކަށް ފާޑު ކީ މީހުން ވެސް މިއަދު އޭނާގެ ފޮޓޯ ތަކަށް ތައުރީފު ކުރާ ކަމަށާއި އެކަމާ ނުހަނު އުފާ ކުރާ ކަމަށެވެ. އަދި މިއަދު އޭނާ މި ހިސާބަށް އައުމުގައި ވެސް ފާޑު ކިޔުންތައް ވަރަށް ބޮޑަށް އެހީތެރި ވި ކަމަށެވެ. އެގޮތުން ރަނގަޅު ކުރަން ވީ ކަންކަން ވަރަށް ގިނަ މީހުން ފާހަގަ ކުރަމުން ގެންދިޔަ ކަމަށާއި އެހުރިހާ ކޮމެންޓް ތަކެއްވެސް އޭނާ ދެކުނީ ކުރިއެރުމަށް ލިބުނު އެހީތެރިކަމެއްގެ ގޮތުގައި ކަމަށެވެ.
އަބަދުވެސް ފޮޓޯ ނަގާހިތްވަނީ ހާއްސަ މުނާސަބަތު ތަކާ ދިމާކޮށް
ނައުޝަމް ބުނީ ނަގާ ފޮޓޯ ތަކަކީ އަބަދުވެސް ޔުނީކް ފޮޓޯ ތަކަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށާއި އަދި ވީހާވެސް އަމިއްލަ އުފެންދުންތެރި ފޮޓޯއެއް ނެގޭތޯ މަސައްކަތް ކުރާ ކަމަށެވެ. ނައުޝަމް އިތުރަށް ފާހަގަ ކުރީ ނައުޝަމް އެންމެ ފޮޓޯ ނަގާހިތްވަނީ ހާއްސަ މުނާސަބަތުތަކާ ގުޅޭގޮތުން ކަމަށެވެ.
ނައުޝަމް ބުނީ މިހާރުވެސް ހާއްސަ ދުވަހެއް ނުވަތަ ހާއްސަ މުނާސަބަތެއް އޮންނަ ދުވަހެއް އަންނަ ނަމަ އެދުވަހާ ގުޅޭ ހިތްގައިމު ފޮޓޯ އެއް ނެގޭތޯ މަސައްކަތް ކުރާ ކަމަށެވެ. އަދި އެންމެ ފޮޓޯ އެއް ނެގުމަށް ޓަކައި ވެސް ވަރަށް ގިނަ ވަގުތުތަކެއް ބައެއް ފަހަރަށް ހޭދަވެގެން ދާ ކަމަށާއި ނަމަވެސް އަބަދުވެސް މަސައްކަތް ކުރަނީ ކުރާ ހިތުން ކަމަށާއި ފޫހިވެގެން ދުވަހަކުވެސް ހުއްޓާ ނުލާ ކަމަށެވެ.
މިހާތަނަށް އެންމެ ބޮޑު ތަރުހީބެއް ލިބުނު ފޮޓޯ
ނައުޝަމްގެ ފޮޓޯގްރަފީ ކެރިއަރުގައި އެންމެ ބޮޑު ތަރުހީބެއް ލިބުނު ފޮޓޯއެއްގެ ގޮތުގައި ފާހަގަ ކުރީ ޖިންސީ ގޯނާ އާ ދެކޮޅަށް އޭނާ ނެގި ފޮޓޯ އެވެ. އެ ފޮޓޯ އަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބިގެން ދިޔަ ކަމަށާއި ވަރަށް ގިނަ ނޫސް ތަކުންނާއި ސޯޝަލް މީޑިޔާގެ ޕޭޖުތަކުން މި ފޮޓޯ ހިއްސާ ވެސް ކުރި ކަމަށް ނައުޝަމް ފާހަގަ ކުރިއެވެ.
އަދި މި ފޮޓޯއާ ގުޅިގެން ނައުޝަމް އަށް ބައެއް ފަރާތްތަކުން އަމިއްލައަށް އެމީހުންނަށް ދިމާވެފައިވާ ކަންތައްތައް ކިޔާދިން ކަމަށާއި އޭގެ ތެރޭގައި މީގެ ކުރިން ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ތިބި އެތައް ބަޔަކު ވެސް ހިމެނޭ ކަމަށް ނަޢުޝަމް ބުންޏެވެ. އަދި އެއީ ވަރަށް އުފާވި ކަމެއް ކަމަށާއި ނަޢުޝަމް ގެ މަސައްކަތް ވެސް ބަލައިގަންނަ ބަޔަކު ތިބިކަން އެދުވަހު އިހްސާސް ކުރެވުނު ކަމަށް ވެސް ނައުޝަމް ފާހަގަ ކުރިއެވެ.
ނައުޝަމް ބުނީ ފޮޓޯގްރާފަރުންގެ މަސައްކަތަކީ ވަރަށް ގިނައިން އަޅާނުލާ އަދި އަގުވަޒަން ނުކޮށް ދޫކޮށްލާ މަސައްކަތެއް ކަމަށާއި ނަމަވެސް ފޮޓޯ ނެގުމަކީ ވެސް ފަންނެއް ކަމަށެވެ. އަދި އެއީ ވެސް ހުނަރެއް ކަމަށާއި އަދި ރީއްޗަށް ފޮޓޯ ނަގާ މީހަކަށް ވެވޭނީ ހީނުކުރާހާ ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެހެން ކަމުން ފޮޓޯގްރާފަރުންގެ އަގު ބައެއް ފަރާތްތަކުން ވަޒަން ނުކުރުމަކީ ވަރަށް ހިތާމަ ކުރަ ކަމެއް ކަމަށް ނައުޝަމް ބުންޏެވެ.
އެންމެ ބޮޑު ސަޕޯޓެއް މަންމަ އާއި ބައްފަގެ ފަރާތުން، ފޭނުންނަށް ހާއްސަ ޝުކުރެއް
ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ދިއުމުގައި އެންމެ ބޮޑު ސަޕޯޓެއް ލިބެނީ މަންމަ އާއި ބައްޕަގެ ފަރާތުންކަން ފާހަގަ ކުރަމުން ނައުޝަމް ބުނީ، އަބަދުވެސް ނައުޝަމްގެ ކޮންމެ އެދުމެއް ފުރިހަމަ ކޮށްދިނުމަށްވެސް މަންމަ އާއި ބައްޕަ ތައްޔާރަށް ތިބޭ ކަމަށެވެ. އަދި ހަމަ އެހެންމެ ނައުޝަމް އަށް އަބަދުވެސް ހިތްވަރު ދޭ ކަމަށާއި ނައުޝަމްގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރާ ކަމަށް ވެސް ބުންޏެވެ. އަދި ނަޢުޝަމް މިއަދު މިހާ ހިސާބަށް އާދެވުމުގެ ސިއްރަކީ ވެސް އެއީ ކަމުގައި ނައުޝަމް ބުންޏެވެ.
އިތުރަށް ދެން އެމްވީ އާ ވާހަކަ ދައްކަމުން ނަޢުޝަމް ބުނީ އެންމެ ބޮޑު ސަޕޯޓެއް ދެން ލިބެނީ އޭނާގެ "ފޭނުން" ގެ ފަރާތުން ކަމަށެވެ. މި ވޭތުވެދިޔަ 2 އަހަރެއްގެ ތެރޭގައި ނައުޝަމް އަށް ވަރަށް ބޮޑު ތަރުހީބެއް ސޯޝަލް މީޑިޔާގައި ލިބިފައި ވާއިރު ނަޢުޝަމްގެ ފޮޓޯއަކަށް އިންތިޒާރުކޮށްގެން ތިބޭ މީހުންވެސް މިހާރު މަދެއް ނުވާނެއެވެ. އެގޮތުން ވަރަށް ގިނަ ބަޔަކު ނައުޝަމް އަށް މެސެޖު ކޮށް ވެސް ކުރިއަށް ދިއުމަށް ހިތްވަރު ދޭ ކަމަށާއި އަދި ހަމަ އެހެންމެ ނައުޝަމްގެ ފޮޓޯތަކަށް ވެސް ވަރަށް ތައުރީފު ކުރާ ކަމަށް ނައުޝަމް ބުންޏެވެ. އަދި އެއީ ނުހަނު އުފާވާ ކަމެއް ކަމަށާއި އިތުރަށް މިދާއިރާ ގައި ކުރިއަށް ދިއުމަށް އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ނައުޝަމް ފާހަގަ ކުރިއެވެ.
ނައުޝަމް އިތުރަށް ފާހަގަކުރީ ނައުޝަމްގެ އެކުވެރިންގެ ފަރާތުން ލިބޭ އެހީތެރި ކަމެވެ. އެގޮތުން އަބަދުވެސް ނައުޝަމްގެ މަސައްކަތް ތަކުގައި އެހީތެރިވެދޭ ކަމަށާއި އަދި ނައުޝަމް އަށް ހިތްވަރު ދިނުމުގައި އަބަދުވެސް އެ އެކުވެރިން ތިބޭ ކަމަށް ނައުޝަމް ފާހަގަ ކުރިއެވެ. އަދި މިދާއިރާއިން ކިތައްމެ ކުރިއަށް ދެވުނު ކަމުގައި ވިޔަސް ދުވަހަކުވެސް އެ އެކުވެރިން ދޭ ހިތްވަރު ހަނދާން ނައްތާ ނުލާނެ ކަމަށް ނަޢުޝަމް ބުންޏެވެ.
ބޭނުންވަނީ މި ދާއިރާގައި ފާހަގަ ކޮށްލެވޭ މީހަކަށް ވާން
ނައުޝަމް ބުނީ އޭނާ ދެކޭ ހުވަފެނަކީ މިދާއިރާއިން ދެވޭ އެންމެ ކުރިއަކަށް ދިއުން ކަމުގައެވެ. އަދި ﷲގެ އިރާދަފުޅާއެކު ބައިނަލްއަޤްވާމީ ގޮތުންވެސް އޭނާގެ މަސައްކަތަކީ ބަލައިގަންނަ މަސައްކަތަކަށް ކޮންމެވެސް ދުވަހަކުން ވެގެން ދިޔުމަކީ އޭނާ ކުރާ އުއްމީދެއް ކަމުގައި ފާހަގަ ކުރިއެވެ. އަދި އެ އުއްމީދު ހާސިލު ކުރުމަށް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރާނެ ކަމަށް ނަޢުޝަމް ބުންޏެވެ.
ސްރީލަންކާގައި ބިޒްނަސް މެނޭޖްމަންޓް ކިޔަވަމުންދާ ނަޢުޝަމް ބުނީ ފޮޓޯ ޖާނަލިސްޓަކަށް ވުމަކީ އެންމެ ކުޑައިރުންސުރެ ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި އެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ މަސައްކަތް ކުރާނެ ކަމަށާއި ވަރަށް އަވަހަށް އެ ކަންތައް ހާސިލު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ނަޢުޝަމް ބުންޏެވެ.
ނައުޝަމް ބުނީ ފޮޓޯގްރަފީގެ ދާއިރާ އަކީވެސް މުސްތަޤުބަލެއް އޮތް ދާއިރާއެއް ކަމަށް ގަބޫލު ކުރާ ކަމަށާއި ރާއްޖޭގައި ވެސް ވަރަށް ގިނަ ހުނަރުވެރި ފޮޓޯގްރާފަރުން އެބަ އުޅޭ ކަމަށެވެ.
- ނައުޝަމް ބުނަނީ އެންމެ ފުރަތަމަ ކުރާ މަސައްކަތް ފުރިހަމަ ނުވި ކަމުގައި ވިޔަސް ހިތްވަރު އެލުވާ ނުލުމަށެވެ. އެންމެ ފުރަތަމަ އަރާ ބޮންތިއަކު ނުހިފޭނެ ކަމަށެވެ. ކޮންމެ ކަމެއްގައި ވެސް ކުރިއަރާނީ ހިތްވަރާ އެކު މަސައްކަތް ކޮށްގެން ކަމަށެވެ. އަމާޒުވާ ފާޑުކިޔުންތަކަކީ ކުރިއަށް ދިއުމަށް ލިބޭ ހިތްވަރެއް ކަމަށް ގަބޫލު ކުރުމަށެވެ.
އަދި ނައުޝަމް ސާބިތު ކޮށްދިނީ ކަމެއް ހާސިލު ކުރަން އެތައް ވަގުތެއް ހޭދަވި ކަމުގައި ވިޔަސް އެކަމަކާމެދު ފޫހިނުވެ ހިތްވަރާ އެކު ކޮށްފި ނަމަ ކާމިޔާބު ވާނެ ކަމެވެ.
ނައުޝަމްގެ ގިނަ ފޮޓޯތަކަކީ އެތަކެއް މާނައެއް އެކުލެވޭ އެހާމެ މާނަ ފުން ފޮޓޯ ތަކެކެވެ. އަދި އެ ފޮޓޯ ތަކުން އެތައް ވާހަކަ އެއް ކިޔާދޭ ހިތްގައިމު ފޮޓޯ ތަކެކެވެ. އުއްމީދަކީ ނަޢުޝަމްގެ ޗާލު ގިނަ ފޮޓޯ ތަކެއް އަދިވެސް ފެނިގެން ދިއުމެވެ. އާއެކެވެ. ނައުޝަމް އޭނާގެ ހުވަފެންތަކުގައި ކުލަ ޖައްސަމުން އެދަނީ އޭނާގެ ހިތްގައިމު ފޮޓޯތަކުންނެވެ.