ޚަބަރު

ހިމަބިއްސަށް 10 ވަރަކަށް މީހުން ޓެސްޓްކޮށްފި

ހިމަބިހީގެ އަސަރެއް ހުރިތޯ ބަލަން 10 ވަރަކަށް މީހުން ޓެސްޓްކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިއްސަށް މީހަކު ޕޮޒިޓިވް ވި އިތުރު ކޭސް އަދި ފާހަގަވެފައި ނުވާ ކަމަށާއި އެކަމަކު، ހުން އައުމުގެ އަލާމާތްތައް ހުންނަ މީހުން އިތުރަށް ޓެސްޓް ކުރަމުން އަންނަ ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހުމުގެ އަލާމާތްތައް ހުންނަ މީހުން ޓެސްޓްކުރަނީ ހިމަބިހީގެ އެއްވެސް އަލާމާތްތައް ހުރިތޯ ބަލަން ކަމަށެވެ. އެގޮތުން 10 ވަރަކަށް މީހުން ޓެސްޓްކޮށްފައިވާ ކަމަށާއި އެ ޓެސްޓްތަކުގެ ނަތީޖާ މިއަދު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުމާއި ދެން ހުރި ބައެއް އަލާމާތްތަކަށް ބަލާފައި، އަދި ޝައްކު ނުކުރެވުނު ކަމުގައި ވިޔަސް އެއްވެސް އަލާމާތެއް ހުރިތޯ ބެލުމަށް އަޅުގަނޑުމެން ޓެސްޓް ކުރަމުން މިދަނީ. އެ ޓެސްޓްތަކުގެ ނަތީޖާ މިއަދު މެންދުރުފަހު ލިބޭނެ އަޅުގަނޑުމެންނަށް، ލިބުނީމަ އިނގޭނެ އެއިން އެއްވެސް ފަރާތަކަށް ވެސް ހިމަބިހީގެ އަސަރެއް ކޮށްފައި ހުރިތޯ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ހުޅުމާލޭގައި ހިމަބިހި ޖެހުނު ކުއްޖާ ދިރިއުޅޭ ސަރަހައްދުގެ މީހުންނަށް ވެކްސިން ދީފައި ވޭތޯ ނުވަތަ ނޫންތޯ ބަލައި، އެ ސަަރަހައްދުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަަމަށެވެ. ހިމަބިހީގެ ދެވަނަ ކޭސްއާ ގުޅިގެން، މާލޭގައި ވެސް ހަމަ އެގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން ވެސް ހިމަބިހީގެ އަލާމާތެއް ފެނިފައި ވޭތޯ ބަލަން، ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނާއި ހެލްތު މިނިސްޓްރީ ގުޅިގެން މިހާރު އަންނަނީ މަސަައްކަތް ކުރަމުންނެވެ. އަމީން ވިދާޅުވީ ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދަކުން އަދި އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ފުރަތަމަ ފަރުވާ ދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ.

އެ ކުޑަ ކުއްޖާ ފުރިހަމަކޮށްފައިވަނީ އުމުރުން ހަ މަހާ ހަމައަށް ޖަހަންޖެހޭ ވެކްސިންތަކެވެ. ނުވަ މަހުގައި ޖަހަން ޖެހޭ މީސަލްސް ރުބެއްލާ އާއި 18 މަހުގައި ޖަހަން ޖެހޭ އެމްއެމްއާރު ވެކްސިނެއް ނުޖަހަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!