ދެފަރާތުން އެއްބަސްވެގެން މޯހަން އާއި އީގަލްސްއާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވާލައިފި
ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން ދެފަރާތުން އެއްބަސްވެގެން އުވާލައިފިއެވެ.
މިކަން އީގަލްސް އިން ހާމަ ކޮށްފައިވަނީ އެކްލަބުގެ ރަސްމީ ފޭސްބުކް ޕޭޖުން ނެރުނު ބަޔާނެއްގައެވެ. އެގޮތުން އެބަޔާނުގައި ބުނެފައިވަނީ މޯހަންއާ އެކު ދެކެވުނު ވާހަކައިގައި އެންމެ ރަނގަޅު ގޮތަކަށް ފެނުނީ މިވަގުތު ކޮންޓްރެކްޓް އުވާލުން ކަމަށް ފެންނާތީ އެގޮތަށް ކުރިއަށް ދާން ނިންމީ ކަމަށެވެ. އަދި މިބަޔާނުގައި އީގަލްސް އަށް މޯހަން ކޮށްދިން މަސައްކަތަށް އެކްލަބުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެޓީމަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ. އަދި ހަތަރު މެޗުން ބަލިވެފައިވާއިރު އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިވަގުތު އީގަލްސް އޮތީ ތާވަލުގެ ހަތްވަނައިގައެވެ.
މިފަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި އީގަލްސް އިން ވަނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން މާޒިޔާގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދައި ޗެރިޓީ ޝީލްޑު އުފުލާލާފައެވެ. އެހެން ނަމަވެސް ޓީމަށް ދިމާވި ގޮންޖެހުމަކީ ކުޅުންތެރިންގެ އިންޖަރީއެވެ. އެގޮތުން ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަހްމަދު ރިޒްވާން (ރިޒޭ)އަށް ސީރިއަސް އަނިޔާއެއްވެ ހަ މަހަށް ކުޅުމާ ދުރަށް ދާން ޖެހުމަކީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
މޯހަން އީގަލްސްއަށް ކޯޗުކަން ކޮށްދިން ފަހު މެޗަކީ ކްލަބް ގްރީން ސްޓްރީޓްސްއާ އެޓީމު ބައްދަލު ކުރި މެޗެކެވެ. އެ މެޗުން އީގަލްސް ބަލިވީ 4-1ގެ ނަތީޖާ އަކުންނެވެ.