ހަށިގަނޑުން ސްޓްރެސް ފިލުވާލަން މިފަހަރު ޝިލްޕާ ދަރިފުޅާއެކު ހެދީ ސްކްރަބެއް
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް/ ކޮރިއޯގްރަފަރ އަދި "ނަޗް ބަލިޔޭ" ގެ ޖަޖް ޝިލްޕާ ޝެޓީ ކުންދްރާ ފާހަގަ ކޮށްލެވިފައިވަނީ އޭނާގެ އެކްޓު ކުރުމުގެ ހުނަރުގެ އިތުރުން ސިއްޙަތަށް ވެސް ވަރަށް ބަލައިގެން އުޅޭ މީހެއްގެ ގޮތުގައެވެ.
އެގޮތުން އޭނާއަކީ ޔޯގާ ކުރުމުގެ އިތުރުން، ކަސްރަތު ކުރުމާއި، ކެއިން ބުއިމުގައިވެސް ސިއްޙަތަށް ފައިދާ ކުރާނެ ހަމަތަކެއް ޤަވައިދުން ގެންގުޅޭ މީހެކެވެ. އަދި ސިއްޙަތަށް ފައިދާކުރާނެ އެތައް އެއްޗެއް ތައްޔާރުކޮށް އޭގެ ވީޑިއޯވެސް އޭނާ ބެލުންތެރިންނާއި ހިއްސާކޮށްފައިވެއެވެ.
މިއަދުވެސް ޝިލްޕާވަނީ އެފަދަ އެއްޗެއް ތައްޔާރުކޮށް އޭގެ ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ދަރިފުޅު ވިއާން ރާޖް ކުންދްރާ އާއެކު ޝިލްޕާ މިއަދު ތައްޔާރުކުރީ، ވިއާން ބުނާގޮތުންނަމަ "މޮހީޓޯ ސްކްރަބް" އެކެވެ. މިއީ ހަށިގަނޑު އެތެރޭގައި އުފެދިފައި ހުންނަ "ނެގަޓިވް އެނާރޖީ" ނައްތާލާ ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުން ކުރެވޭނެ ސްކްރަބެއްކަން ޝިލްޕާ ވަނީ ފާހަގަ ކޮށްފައެވެ.
ސްޓްރެސް ފިލުވާލާ ހަށިގަނޑަށް އަރާމުކަން ގެނެސް ދިނުމަށް، ބޮޑެތި މީހުންނާއި ކުޑަ ކުދިންނަށް ވެސް ބޭނުން ކުރެވޭ މިސްކްރަބަށް ބޭނުންވާނެ ތަކެއްޗަކީ:
- 1 ޖޯޑު ލޮނު (ޕައުޑަރ ނުވަތަ ފުށް ލޮނުވެސް ރަނގަޅުވާނެ)
- 1/4 ޖޯޑު ކާށިތެޔޮ (އާމަންޑް ތެޔޮ ވެސް ބޭނުންކުރެވިދާނެ)
- 5-8 މިންޓް ލީވްސް (ޗަސްކޮށްފަ)
- 1/2 ސައިސަމުސާ ލުނބޮލުގެ ތޮށި (ގާނާފަ)
- ކުޑަ ލުނބޯ ހުތު ކޮޅެއް
މިސްކްރަބް ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ބޯތަށްޓަކަށް ލޮނާއި ކާށިތެޔޮ އަޅާ އެއްކޮށްލަނީއެވެ. އެއަށްފަހު އޭގެތެރެއަށް މިންޓް ލީވްސް އާއި ލުނބޮގެ ތޮށި ވެސް އެއްކުރުމަށްފަހު، ލުނބޯހުރު ކޮޅެއްވެސް ޖަހާފައި އެއްކޮށް މިކްސް ކޮށްލާނީއެވެ.
ޝިލްޕާ ބުނިގޮތުގައި "މޮހީޓޯ މޮހީޓޯ" ސްކްރަބް ތައްޔާރު ވުމުން ވައިބަންދުވާނެފަދަ ކޮންޓޭނަރަކަށް އެއަޅާފައި ބަހައްޓަންވާނެއެވެ. ފެންތައްޓެއްގެ ތެރެއަށް މިސްކްރަބް އެއްކުރުމަށްފަހު އޭގެ ތެރެއަށް ފައިލައިގެން ގަޑިއިރެއްހާއިރު އިނުމުން ހަށިގަނޑަށް އަރާމުކަން އިހުސާސު ވާނެކަމަށް ޝިލްޕާ ބުނެފައިވެއެވެ.