ރިޕޯޓް

އެހީ ރިޕޯޓް: ދެ ކިޑްނީ ފެއިލްވެފައިވާ މިފްރާޙް އަށް ހެޔޮ ދުޢާއާއި ދީލަތި އެހީއެއް ދެއްވަވާ!

ދެން އެމްވީ ، ދެން އޮންލައިން

ދުޅަހެޔޮ ރަނގަޅު ސިއްޙަތެއްގައި ހުރުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އަޅުގަނޑުމެން ރަނގަޅު ސިއްޙަތެއްގައި ހުރިކަމީ މާތް ﷲ ގެ ޙަޟްރަތަށް އަބަދުމެ ޙަމްދު ކުރަން ވާނެ ކަމެކެވެ.

Ads by Sosun Fihaara

މިފަދައިން މިކަން ހުރިއިރު، ފުރިހަމަ ރަނގަޅު ސިއްޙަތެއްގައި ނެތް މީހުންވެސް މިދުނިޔޭގައި އެބަތިބިކަން ވެސް ދަނެ، އެފަދަ މީހުންނަށް ކުޑަނަމަވެސް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި އިސްލާމީގޮތުން ވެސް ހުރުން ރީތި އާދައެކެވެ.

މިފަދައިން މިވަގުތު އަޅުގަނޑުމެންގެ ހެޔޮ ދުޢާއާއި ދީލަތި އެހީއަށް ބޭނުންވެފައިވާ އެއް ފަރާތަކީ ޏ. ފުވައްމުލައް މާލެގަން/ ފީށިގަޑިގެ މުޙަައްމަދު މިފްރާޙް އަލީ އެވެ.

އުމުރުން އެންމެ 21 އަހަރުގެ މިފްރާޙްގެ ދެ ކިޑްނީ ފެއިލްވެފައި ވުމުގެ ސަބަބުން، ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ޖެހޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.



މިފްރާޙްގެ ހާލަތު "ދެން" އާއި ހިއްސާ ކުރަމުން އޭނާގެ މަންމަ މަރިޔަމް ޙަސަން ދީނީ ބުނީ މިފްރާޙްގެ އަނގާގައި ފުރަތަމަ ފާރު އުފެދުނު ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް އެއްޗެއް ނުވެސް ކެވުނު ކަމަށެވެ.

"ނުކެވިގެން ޑޮކްޓަރަށް ދެއްކީ. ދެއްކީމަ ރަށު ހޮސްޕިޓަލުން ފުރަތަމަ ފޮނުވީ ފްލޫ ކްލިނިކަށް. އެތަނަށް ފޮނުވައިގެން ރަނގަޅު ނުވެގެން އަހަރެން ދިޔައީ ބޭސް ފިހާރައިގަ އުޅޭ ރާޖު ކިޔާ މީހެއް ކައިރިއަށް. އޭނަ ދޭ ބޭސް ވަރަށް ރަނގަޅު. އޭނަ ކައިރީގަ ބޭހެއް ދޭން ބުނުމުން ދިނީ ވިޓަމިން ބޭހަކާއި އަނގައިގަ އުނގުޅާނެ ބޭހެއް. ބޭސް ބޭނުން ކުރަން ފެށިތާ ހަތަރު ދުވަސްވަރުވި ފަހުން މިފްރާޙް ބުނި މަންމާއޭ މިހާރު ތަންކޮޅެއް ރަނގަޅޭ އަދިވެސް ތިހެން އެބޭސް ހޯދަ ދީބަލާށޭ. ބުނީމަ އަހަރެން ބުނިން އެހެންވީއިރު އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކާލަން ދާން. ދެން ރަށު ހޮސްޕިޓަލަށް ދިޔައިމަ އެތަނުން ބުނީ ޑޮކްޓަރ އެވަގުތު ރަށުގައި ނެތް ކަމަށާއި އަންނާނީ 14 ދުވަސް ފަހުން ކަމަށް" މަރިޔަމް ބުންޏެވެ.

ރަށުގައި އެޑޮކްޓަރު ނެތުމުގެ ސަބަބުން އެމީހުން ދެން ދިޔައީ ފުވައްމުލަކުގައި ހުންނަ ޑރ. ބަޝާރުގެ ކްލިނިކަށެވެ. އެތަނުން އެޑޮކްޓަރ މިފްރާޙް ބަލާފައި ތިން ހިތާމަވެރި ޚަބަރަކީ މިފްރާޙްގެ ދެ ކިޑްނީ ފެއިލްވެފައިވާ ކަމަށާއި ކިޑްނީގެ މަސައްކަތް ކުރަނީ އެންމެ 5% ކަމަށެވެ.

އެމަޖެންސީކޮށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލަށް، ފުވައްލަކު ހޮސްޕިޓަލުގެ ފަރާތުން މިފްރާޙު ފޮނުވިއެވެ. އައްޑޫގައި ގާތްގަނޑަކަށް 40 ވަރަކަށް ދުވަސް ވުމަށްފަހު މިހާރު މިފްރާޙް އޮތީ އައިޖީއެމްއެޗް ގައެވެ.




"މިފްރާޙްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރަން ކިޑްނީ ލިބިފަ ހުރީ.. އަހަރެން ވެސް މިހުރީ ދޭ ގޮތަށް. އެކަމަކު ދަތުރުފަތުރުގެ ގޮތުން މިފްރާހު ކައިރިއަށް ނުދެވިފަ. އަހަރެންގެ އެއްބަނޑު އެންމެން ވެސް ތިބީ ކިޑްނީ ދޭން. އެކަމަކު ޑޮކްޓަރުން ބުނީ މިފްރާޙު އަކީ އަދި ވަރަށް ޒުވާން ކުއްޖަކަށްވާތީ އޭނާއަށް އެންމެ ރަނގަޅުވާނީ މިފްރާހުގެ މަންމަ ނޫނީ ބައްޕަގެ ކިޑްނީއޭ" މިފްރާހުގެ މަންމަ ބުންޏެވެ.

ކަންމިހެން ހުރުމާއެކުވެސް، މިފްރާހުގެ ބައްޕަ، އޭނާއަށް އެއްވެސް އެހީތެރިކަމެއް ފޯރުނުކޮށްދޭކަން އޭނާގެ މަންމަ ވަނީ ފާހަގަ ކޮށްފައެވެ. އަދި މިވަގުތު މިފްރާހު އާއެކު އައިޖީއެމްއެޗުގައި ހުރީވެސް މިފްރާހުގެ ދޮންބައްޕައެވެ.

ތިން ކުދިން ހިމެނޭ އާއިލާއެއްގައި މިފްރާޙް އަކީ އެންމެ ދޮށްޓަށް ހުންނަ ކުއްޖާއެވެ. އަދި ހުރި ހަމައެކަނި ފިރިހެން ކުއްޖާވެސް މެއެވެ.

"މިފްރާހުގެ ބައްޕަގެ ފަރާތުން އަހަރުމެންނަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ. މިހާރު މިބަލަނީ އަހަންނާއި އަހަރެންގެ އަންހެން ދަރިފުޅު (މިފްރާހުގެ ކޮއްކޮ) ޓެސްޓު ކުރަން ޑޯނާއަކަށް. އަހަރުމެންގެ ނުގުޅިއްޖިއްޔާ ދެން އާއިލާގެ އެހެން މީހެއްގެ ފަރާތުން ލިބޭތޯ ބަލާނީ" މަރިޔަމް ބުނެޏެވެ.

މިފަދަ ހާލަތެއް ދަރިއަކަށް މެދުވެރިވެފައިވާއިރު ވެސް މިފްރާހުގެ އަމިއްލަ ބައްޕަ އޭނާއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދެއެވެ.

"މިފްރާހް އެންމެ ތުއްތު އިރުން ފަށައިގެން ވެސް އޭނާގެ ބައްޕަގެ އެހީތެރިކަމެއް ނުލިބޭ. މިފްރާހަށް ބަލިވެއިންތާ ހަމަހުގަ އަހަރެން ވަރި ކޮށްލައިފި. އޭގެ ފަހުން އެއްވެސް އެހީތެރިކަމެއް ނުލިބޭ. މިފްރާހް ގޮވައިގެން އައްޑޫގަ ހުއްޓާ އެއްދުވަހު ހޮސްޕިޓަލަށް ވަދެލި. އޭނައަކީ އައްޑޫ މީހެއް. މިފްރާޙަށް ކިޑްނީ ޑޮނޭޓު ކުރަން ބުނީމަ ބުނީ ތިމަންނައަކަށް ނުވާނެއޭ، އަހަރެން ކޮންމެވެސް ގޮތެއް ހަމަޖައްސާށޭ. އަހަރެން ކިޔާދިނިން ކިޑްނީއެއް ނުލިބިގެން ނޫން ކަމާއި ޑޮކްޓަރު ބުނެފައިވާ ގޮތް. އެކަމަކުވެސް އެއްބަހެއް ނުވި. އޭނަ އުޅެނީ ފިލައިގެން. އައްޑޫއިން އޭނަ ހޯދޭތޯ އަހަރެންގެ ބޭބެ ވަރަށް މަސައްކަތް ކުރި، އެކަމަކު ނުފެނުން"

މާލީ ދަތިކަން ތަޙައްމަދު ކުރަމުންދާ އެއާއިލާއިން އެދެނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަކަށެވެ. އެއީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމުގެ ދަތުރަށް ޚަރަދު ކުރުމަށެވެ.

މިފްރާޙަށް އެހީތެރިވުމަށް ފައިސާ ޖަމާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ:

ބީއެމްއެލް ރުފިޔާ އެކައުންޓު ނަންބަރ: 7711433567101 (މަރިޔަމް ހަސަން ދީދީ)، 7711432508101 (ޙަސަން މުޙައްމަދު)

ބީއެމްއެލް ޑޮލަރު އެކައުންޓް ނަންބަރ: 7730000056478 (ޙަސަން މުޙައްމަދު)

އިތުރު މައުލޫމާތު 9171875 (މަރިޔަމް ހަސަންދީދީ) އާއި ގުޅައިގެން ހިއްސާ ކުރެއްވުން އެދެމެވެ.

މާތް ﷲ މިފްރާޙްއަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާ، މިދަތި އުނދަގޫ ޙާލަތުން އަވަސް މުސްތަޤުބަލެއްގައި ސަލާމަތް ކުރައްވާށި. އަދި މިފްރާހުގެ ބައްޕައަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!