ރިޕޯޓް

ތައުލީމީ ވަޒީރެއް ކަމަކު ސިޔާސީ ޗަރުކޭސް ނުކުޅޭ!

ދެން އެމްވީ ، ދެން އޮންލައިން

ވާހަކަ ދައްކާފައި ނުދައްކާނެ ކަމެއް ނެތެވެ. ރާއްޖޭގެ ތައުލީމީ ނިޒާމު ހިންގުމުގައި އެއްވެސް އަމާޒެއް ހިފައިގެން އުޅޭތީއެއް ނުފެނެއެވެ. ތަރުބިއްޔަތާއި ތައުލީމަކީ ސިޔާސީ ޗަރުކޭހެއް ކަމަށް ހަދަން ހެޔޮވާނެހެއްޔެވެ. ހައްތަހާވެސް މިފެންނަނީ ތައުލީމީ ނިޒާމުގެ ތެރެއިން ވެސް ސިޔާސީ ޗަރުކޭސް ކުޅޭތީއެވެ. ދުވަހެއް ދުވަހަކަށް ދަރިވަރުންގެ ފެންވަރު ދަށްވަމުން ދިޔުމަކީ އެއްވެސް މީހަކު އެދޭނެ ގޮތެއްނޫނެވެ. ހަފޮޅު އެތެރެވިއްޔާ ބައި ލިބޭ އުސޫލުން އަހަރުން އަހަރަށް ކުލާސް ބަދަލުވުމަކީ ހާސިލް ވާންޖެހޭ މިންވަރަށް ކުއްޖާއަށް ހާސިލުވުން ކަމަކަށް ނުވާނެއެވެ.

އުނގެނި ދަސްކުރުމުގައި ކުދިންގެ މެދުގައި އޮންނަން ޖެހޭ ވާދަވެރިކަން މުޅިން ނެތި ހިގައްޖެއެވެ. ރަނގަޅަށް މަސައްކަތްކުރާ ކުދިންގެ މަސައްކަތް ވަޒަންކުރާ ހަރުދަނާ ގޮތެއް ނޯވެއެވެ. ތައުލީމާއި ތަމްރީނާއެކު ކުދިން ތަރުބިއްޔަތު ކުރުމުގެ ސިޔާސަތު އޮތީ ނަމެއްގައެވެ.ކަމެއް ނުވެއެވެ. އިމްތިހާނަކުން ކުދިން ފާސްކޮށްލުމަކީ ހިފިފައި އޮތް ހަމަ އެކަނި އަމާޒުކަމަށް ވަނީ ވެފައެވެ. ބައިނަލް އަގުވާމީ އިމްތިހާނަށްޓަކައި ތިންހަތަރު އަހަރުގެ އިމްތިހާނު ކަރުދާސް ކުއްޖާގެ ހިތަށް ސްކޭނު ކުރުވައިގެން ރީތި ނަން ހޯދަނީ އެކުދިންނަކަށް ނޫނެވެ. ރަނގަޅު ނަތީޖާތައް ކުދިން ހޯދީމާ މެޑެލް ޖަހަނީ އެޑިޔުކޭޝަންގެ ވެރިންނެވެ. މަޝްހޫރުކަން ހޯދުންނޫން އެހެން ވިސްނުމެއް އެމީހުންގެ ނެތެވެ. ކިޔަވާ ނިންމި އެއްޗަކުން ވާނުވާއެއް ކުއްޖާއަށް އެނގުނެއް ނޭނގުނެއް ނޭނގެއެވެ. ތަރުބިއްޔަތަކީ ރާއްޖޭގެ ތައުލީމީ ނިޒާމު މިހާރު ދަންނަ އެއްޗެއް ނޫނެވެ.

ވާނީ އެހެންތާއެވެ. ސިޔާސަތު ކަނޑައަޅާ ހިސާބުގައި ވެސް ސިޔާސަތެއްނެތެވެ. އަމާޒެއް ނެތެވެ. އެއްގޮތެއްގައި ތަރުތީބުވެގެން ހިންގޭ އުސޫލެއް، ހިފެހެއްޓޭ ހަމައެއް ލަމައެއް ނެތެވެ. ކަރިކިއުލަމްގެ ތެރެއިން ކަންހިންގަން ވީ ގޮތް ދުރާލާ ރޭވިފައެއް ނުއޮވެއެވެ. އޮތަސް އެއުސޫލެއް ހިންގުމަށް ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ފުރުޞަތެއް ނުއޮވެއެވެ. ދުވަހުން ދުވަހަށް ޕްރިންސިޕަލުން ކަންކުރަންވީ ގޮތް އަންގަނީ ވެސް މަތިންނެވެ. އެއްކަމެއްގައި އެކި ފަހަރު އެކިގޮތަށެވެ. ގޮތް އަންގަން ތިބެނީ ފަންނީ ގޮތުން ތަޖުރިބާއެއް ޤާބިލުކަމެއްނެތް ސިޔާސީ އެކްޓިވިސްޓުންނެވެ. ކުއްލި ކުއްލިޔަށް އުސޫލު ބަދަލު ކުރުމަކީ އާއްމު ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ސްކޫލު މާހައުލަކޭ ހުންގާނުނެތް ދޯންޏެކޭ ތަފާތެއް ނެތެވެ. ޓީޗަރުންނަކީ މޮޔައިންކަމަށް ކުދިންނަށްވެ ބެލެނިވެރިންގެ ފުރައްސާރައިގެ އަމާޒަކަށް ޓީޗަރުން ވަނީ ވެފައެވެ. ޕްރިންސިޕަލުންނާއި ޓީޗަރުންގެ ގުޅުންކެނޑި ފިތުނައިގެ ހާއްޔަކަށް ސްކޫލުތައް ވެ ނިމިއްޖެއެވެ. ނުވިތާކަށް ފަންނީ އިލްމީ މަސައްކަތަށްވުރެ ސިޔާސީ ޖަގަހަ ތަކަކަށް ސްކޫލުތައް މިއަދު ވަނީވެފައެވެ. ސިޔާސީ އެކްޓިވިސްޓުންގެ ރުހުންނެތް ކޮންމެ ޕްރިންސިޕަލެއް ހުންނަން ޖެހެނީ ވާނުވާގައެވެ. އެއްދަންފަޅިން އަނެއް ދަންފަޅިއަށް ޓީޗަރަކު ބަދަލުކުރަން ވިޔަސް ޕްރިންސިޕަލަށް ވުރެ ބޮޑަށް އެނގެނީ އެޑިޔުކޭޝަންގައި އިންނަވާ ސިޔާސީ އެކްޓިވިސްޓަކަށެވެ. މިހާހިސާބަށް ތައުލީމީ ނިޒާމު ފޫވެއްޓުނީމާ ރާއްޖޭގެ މުސްތަޤުބަލާ މެދު ބިރުހީވެއެވެ. އެއްގޮތަކަށްވެސް ތައުލީމީ ވަޒީރަށް މިކަންކަން ނޭނގެނީއެއް ނޫނެވެ. އެނގޭކަމަށް ނުހަދާ ސިޔާސީ ގޮތުން މަޝްހޫރުވެ ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދުން ނޫންކަމެއް ތައުލީމީ ވަޒީރާއި އިސްވެރިން ކުރާހެނެއް ހިޔެއްނުވެއެވެ.

ތައުލީމީ ދާއިރާގައި ހަމައެއް ލަމައެއް ނެތި މިހާރު ހިނގާ ހަމަ އެންމެ ކަމަކަށް ބަލާލަމާ ހިނގާށެވެ. ކޮވިޑް19 ގެ ހާލަތާއި ގުޅިގެން ފޮނުވާ ޓެލިކުލާސްތައް އެހިންގެނީ އަމާ ބުނީތީ ފަރަށްދާ ގޮތަށް ނޫން އެހެން ކޮންގޮތަކަށް ހެއްޔެވެ. މާއްދާއެއްގެ ކްލާހަކުން ހާސިލްކުރަން އުޅެނީ ކޮން އެއްޗެއް ކަމެއް އެނގެނީ މަދުފަހަރެއްގައެވެ. ހާސިލުވީ ކިތައް ދަރިވަރުންނަށް ކިހާވަރަކަށް ކަން އެނގޭބާއެވެ. ފުރަތަމަ ކަމަކީ ތައްޔާރު ވާންޖެހޭ ވަރަށް ޕްރޮގްރާމަށް ތައްޔާރު ވެވިފައި ނެތުމެވެ. ފިލާވަޅެއްގައި 15 ވަރަކަށް މިނިޓް ހޭދަވަނީ މަދު ފިލާވަޅެއްގައެވެ. ފިލާވަޅުތައް މޮނިޓަރއެއް ނުކުރެވެއެވެ. ކޮންސެޕްޓް ބުނެ ނުދެވޭތާ މައުލޫމާތުގެ ސައްހަކަން ކަށަވަރެއް ނުކުރެއެވެ. ކަނޑަ އެޅިގެން ނުބައިކޮށް އެތައް މައުލޫމާތެއް ފިލާވަޅުތަކުގައި ދެވިފައި އެބަހުއްޓެވެ. ލޭންގުއޭޖު ކްލާސްތަކާއި، އެހެން ކްލާސްތަކުގައި ވެސް ބަހުގެ ހަމަތަކާއި އުސޫލުތައް އެއްވެސް ވަރަކަށް ހިފެހެއްޓިފައެއް ނުހުރެއެވެ. ޚާއްޞަކޮށް ބަސް ދަސްކޮށްދޭ ކްލާސްތަކުގައި ބަހުގެ ހުނަރު ގެނެހެއް ނުދެވެއެވެ.

ޕްރޮގްރާމްތަކުގެ ޓެކްނިކަލް ފަޅިއަށް ބަލާލިޔަސް ގިނަ ޕްރޮގްރާމްތަކުގައި އަޑާ އަނގަޔާ ދިމައެއް ނުވެއެވެ. އަޑުމަޑުކަމުން ހެން ހީވާ ފަހަރު އަންނަނީ މަދެއްކޮށް ނޫނެވެ. ދަރިވަރުންގެ އުމުރާއި ނުގުޅޭ އެތައް ވާހަކައެއް ޕްރޮގްރާމްތަކުން ފާހަގަ ކުރެވެއެވެ.

އެންމެ ހެއްވާކަމަކީ ކްލާސް ހިނގަމުން ދާއިރު ކުދިން ޓީވީ ބަލާކަން ދެއްކުމަށް ފޮޓޯނަގާ ސޯޝަލް މީޑިޔާގައި ޢާއްމު ކުރަމުން ދިޔުމަށް މިނިސްޓްރީން ސްކޫލުތަކަށް އިރުޝާދުދޭ ދިނުމެވެ. ދަތްދޮޅި މައްޗަށް ނަގައިގެން ކުދިންތައް ޓީވީ ބަލަން ތިބޭ މަންޒަރަކީ މާކަމުދާ މަންޒަރަކީތާއެވެ. ބައެއް ކުދިން ޓީވީ ބުޑުގައި އަނެއްބައި ކުދިން ކަނދުރާ ބިނދޭވަރަށް މައްޗަށް ބަލަހައްޓައިގެން ތިބޭ މަންޒަރު ދެއްކުމަކީ މާކާމިޔާބު މަސައްކަތެއް ކުރެވޭ ކަމުގެ ދެއްކުންތެރިކަން ފާޅުކުރުން ހެއްޔެވެ. އެއްކޮޅުން ފޮތް ދަބަސް ބަރުވެގެން ކުދިންގެ މައިބަދަ ގުޑާލާތީ އުޅޭއިރު މިޖަހަނީ ކޮންސަކަރާތެއް ހެއްޔެވެ.

ހިތާމަ ހުއްޓެވެ. ރީތ ނަންނަން ކިޔަކަސް އަދި ކަމަކު ނުދާނެއެވެ. އިސްލާމީ ޢަޤީދާއާއި އަޚުލާޤުގައި ހުނަރުވެރި އިލްމީ ދަރިންތަކެއް ތަރުބިއްޔަތުކުރުމުގެ ނިޔަތްނެތި ކަމަކަށް ކަމެއް ނުކުރާށެވެ. ގައުމުގެ ހުރިހާކަމެއް ސިޔާސީ ކުރިޔަސް ތައުލީމީ ނިޒާމު ސިޔާސީކޮށް ޚަރާބު ނުކުރާށެވެ. ދުރުރާސްތާ ނިޒާމެއްގެ ތެރެއިން ތައުލީމާ ތަރުބިއްޔަތު ދޭންނޭގެންޏާ އެއްފަރާތް ވެލާށެވެ. ތައުލީމީވަޒީރެއްކަމަކު ސިޔާސީ ޗަރުކޭސް ނުކުޅޭށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!