ޚަބަރު

ވައުދާއި އަހުދު އުވާލުމަކީ މުނާފިގުންގެ ސިފައެއް: ޝެއިޚް އިލްޔާސް

ދެން އެމްވީ ، ދެން އޮންލައިން

ތާއީދު ހޯދުމަށް ނުވަތަ ވޯޓް ހޯދުމުގެ ބޭނުމުގައި ދެ ފަރާތުން އެއްބަސްވާ ވައުތަކާއި އަހުދުތައް އުވާލަން އުޅުމަކީ އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝެއިޚް އިލްޔާސް މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށެވެ.

"ހިތްހަމަޖެހުމެއް ލިބިގެން މި ނާންނަނީ އަޅުގަނޑަށް ފެންނަ ތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު، މި ޕާޓީގެ މެމްބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު އެމީހުންނަށް ލިބެންޖެހޭ ބައި، ނުލިބި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކައާ ގުޅިގެން އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތާއީދު ހޯދުމަށް ނުވަތަ ވޯޓް ހޯދުމުގެ ބޭނުމުގައިވެސް ދެ ފަރާތުން އެއްބަސްވާ ވައުތަކާއި އަހުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި އެއީ ތެދުވެރި މުސްލިމުންގެ ސިފައެއް ނޫންކަމަށެވެ. ވައުދާއި އަހުދު އުވާލުމަކީ މުނާފިގުންގެ ސިފައެއް ކަމަށް ފާހަގަކުރައްވައި އިލްޔާސް ވަނީ އެކަމާ މެދު ފުންކޮށް ވިސްނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!