ކޮވިޑް-19: ލޮކްޑައުން އުވާލުން ފާހަގަ ކުރަން ބޭއްވި ޕާޓީގެ ސަބަބުން އިންޑިއާގައި އިތުރު 180 މީހުން ފައްސިވެއްޖެ!
ނާގްޕޫރް: އަވަށްޓެރި އިންޑިއާގައި ވެސް ކޮވިޑް-19 ފެތުރުމާއި ގުޅިގެން އެޤައުމު ލޮކްޑައުންކޮށް އެޅި ފިޔަވަޅުތަށް ނިމުމާއި ގުޅިގެން، އެކަމުގެ އުފަލުގައި ނާގްޕޫރްގައި ބޭއްވި ޕާޓީއެއްގެ ސަބަބުން 180 މީހުން މިބައްޔަށް ފައްސި ވެއްޖެއެވެ.
މިކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުން މުނިސިޕަލް ކޮމިޝަނަރ ތޫކާރާމް މުންދާ ބުނެފައިވަނީ، އެ180 މީހުން ކޮވިޑް އަށް ފައްސިވީ ޕާޓީ އިންތިޒާމު ކުރި މީހުންގެ ސަބަބުން ކަމަށާއި ފައްސިވީ މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 16 މީހުން ވެސް ހިމެނޭ ކަމަށެވެ.
ނާގްޕޫރްގައި ބޭއްވި ޕާޓީއަކުން މިއަދަދަށް މީހުން ފައްސި ވެފައިވާއިރު، އެމީހުންނާއި ބައްދަލުވީ 700 އެއްހާ މީހުން މިހާރު ތިބީ ކަރަންޓީނުގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި، ލޮކްޑައުންގެ ނިމުން ފާހަގަ ކުރުމަށް ޕާޓީ އިންތިޒާމު ކުރި މީހާ އެންމެ ފުރަތަމަ ދައުވަތު ދިނީ ހަމައެކަނި އޭނާގެ ގާތް ރަހުމަތްތެރިންނަށެވެ. ޕާޓީއަށް ކެއުން ތައްޔާރު ކުރުމަށް ކައިރި އަވަށެއްގެ މަސްމާރުކޭޓަކުން އޭނާ މަސް ގަނެފައިވާއިރު އެމާރުކޭޓަކީ ކޮރޯނާ ވައިރަސް ވަރަށް ބޮޑަށް ފެތުރިފައިވާ ތަނެއް ކަމަށް ވެސް އެނގިފައިވެއެވެ.
ޕާޓީ އިންތިޒާމު ކުރި މީހާ ބަލިވެގެން އެނދުމަތި ކުރުމުން އެންމެ ފުރަތަމަ އޭނާ ވަނީ ދޮގުހަދާފައެވެ. އޭނާ ބުނީ އޭނާ ދިޔައީ ޕާކަކަށް ހިނގާލަން ކަމަށެވެ. ނަމަވެސް ފަހުން އެއްބަސްވީ އެމާރުކޭޓަށް ދިޔަ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން އިންޑިއާގެ އޮފިޝަލުން ބުނީ، ގައިދުރުކަން އިސްނުކޮށް މިފަދައިން ބާއްވާ ވަރަށް ގިނަ ޚަފްލާތައް މީހުން ސިއްރު ކުރަމުން އަންނަ ކަމަށާއި މިއީ ވަރަށް ހިތާމަހުރި އަދި ތިމާއާއި އަނެކާއަށް ވެސް ހުރި ބޮޑު ނުރައްކަލެއް ކަމަށެވެ.