ނެއްލައިދޫގައި 3 ފަންގިފިލައިގެ މުޅިން އައު ސިއްޙީ މަރުކަޒެއް

ހދ. ނެއްލައިދޫ ސިއްޙީ މަރުކަޒުގެ އައު ޢިމާރަތުގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާޓުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް އާއި އެމްޓީސީސީގެ ސިއީއޯ އަޙްމަދު ސަޢުދީއެވެ.
ސާދަ ސަތޭކައެއްހާ މީހުންގެ އަބާދީއެއް އޮންނަ ހދ. ނެއްލައިދޫގައި ދެމުންދާ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ސިއްޙީ މަރުކަޒުގެ ޚިދުމަތްފުޅާކުރުމަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް އައު ޢިމާރަތެއް ތަރައްޤީކުރުމަށް މިހާރުވަނީ ނިންމަވާފައެވެ.
މިމަސައްކަތް ސިއްޙީ ވުޒާރާއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަހަރަކާއި 3 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާގޮތަށްވަނީ ހަވާލުކޮށްފައެވެ.
ނެއްލައިދޫގައި ތަރައްޤީކުރަނީ 3 ފަންގިފިލާގެ ޢިމާރާތެކެވެ. މިޢިމާރާތުގައި 10 އެނދުގެ ވޯޑަކާއި، ލެބޯޓްރީއާއި، ޕަބްލިކް ހެލްތު ޔުނިޓާއި، އެހެނިހެން މުހިއްމު ޚިދުމަތްތައް ޤާއިމުކުރެވޭނެއެވެ.
އަތޮޅުތަކުގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ބޭސްފަރުވާއަށް މާލެއަށް ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަމަށްޓަކައި ގިނަ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގެ އައު ޢިމާރަތް ތަރައްޤީކުރުމާއި އަޕގްރޭޑްކުރުމުގެ އެކި މަސައްކަތް އެކި މަރުޙަލާގައި އަންނަނީ ކުރަމުންނެވެ.
