ޚަބަރު

ލޮކްޑައުން އިތުރުކުރީ ވަގުތު ހަމަވިފަހުން، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެމުއްދަތުގައި ބޭރުގައި އުޅުމުން ކޮށްފައިވާ ޖޫރިމަނާއާމެދު ސުވާލު އުފެދިއްޖެ އެވެ.

Ads by STELCO

މިދިޔަ މަހު 28 އިން ފެށިގެން ލުއިތަކާ އެކު ލޮކްޑައުން 14 ދުވަހަށް އިތުރުކުރި އެވެ. އެޗްޕީއޭ އިން އެފަހަރު 14 ދުވަސް އިއުލާނުކުރީ 28 ވަނަ ދުވަހުގެ ހަވީރު 4:07 އިން ފެށިގެނެވެ. އެހެންކަމުން މުއްދަތު ހަމަވާނީ 11 ވަނަ ދުވަހުގެ މި ގަޑިއަށެވެ. ނަމަވެސް ލޮކްޑައުންގެ މުއްދަތު އިތުރު ކުރީ އެރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ލޮކްޑައުންގައި މި ދިޔަ ހުސްކަމުގެ ވަގުތުގެ ތެރޭގައި ވެސް އެތައް ބަޔަކު ހުއްދަ ނެތި ބޭރުގައި އުޅުނު ކަމަށް ބަލައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފަ އެވެ.

އެކަމާ މެދު ސުވާލު އުފައްދަމުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޮކްޑައުން އުވާލުމުގެ ވަގުތާ ގުޅޭ ގޮތުން އާއްމުންނަށް ރަނގަޅަށް މައުލޫމާތު ސާފުނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި އަދަބެއް ދިނުމަކީ ކުރެވިދާނެ ކަމެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.

"މިއީ ބަލިމަޑުކަމާ ހެދި ގިނަ މީހުންގެ މާލީ ހާލަތު ވަރަށް ދަށްވެފައިވާ ދުވަސްވަރެއް. މި ވަގުތުތަކުގައި ޖޫރިމަނާ ކުރި މީހުން އެ ފައިސާ ދައްކަން ޖެހޭނެތޯ،" ފުލުހުން ޓެގްކޮށް، އޭނާގެ ޓްވިޓްގައި ވެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތް ނަމަވެސް އެ ހާލަތުގައި އަޅާނެ ފިޔަވަޅުތައް ވަކިން އިއުލާނުކުރަންޖެހެ އެވެ.

މިދިޔަ އޭޕްރީލް 15 ން ފެށިގެން މާލެ ސަރަހައްދަށް ވަނީ ލޮކްޑައުން އިއުލާން ކޮށްފަ އެވެ. އެއާއެކު ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަން ފެށި އެވެ. އެ ދުވަހުން ފެށިގެން އެކި މުއްދަތަށް ސަރުކާރުން ވަނީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ހަރުކަށިކޮށް ލޮކްޑައުންގެ ފިޔަވަޅުތައް އަޅައިފަ އެވެ. ނަމަވެސް ހާލަތަށް ބެލުމަށް ފަހު، ލޮކްޑައުން އަށް ފުރަތަމަ ލުޔެއް ދިނީ މިދިޔަ މަހުގެ 29 އިން ފެށިގެންނެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން ލޮކްޑައުން އުވާލައި ހުއްދައަކާ ނުލައި ބޭރުގައި އުޅެވޭ ގޮތް ވަނީ ހަދާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!