ޚަބަރު

11 އަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްދޭން އެދިއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ ގެސްޓު ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ކޯޓަށް ހުށަހެޅުމަށް އެދިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ްއެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަނީ 38 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފަ އެވެ.

ހަމީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުގެ ގާނޫނުގެ ދަށުން ސީޕީއަށް ލިބިފައިވާ ބާރުގެ ދަށުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 38 އަހަރު މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހެޅުމަށް އެދިފައިވާ ކަމަށެވެ.

"މިއީ ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރޭޕް ކޭސްއަކާ ގުޅިގެން މިފަދަ ރިކުއެސްޓެއް ކުރި ފުރަތަމަ ފަހަރު،" ސީޕީ ވިދާޅުވި އެވެ.

ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުގެ ގާނޫނުގައިވާ ގޮތުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، މި ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންނަށް ފެނިއްޖެހިނދެއްގައި، މި ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް ޕީޖީން ކޯޓަށް ހުށަހަޅައިދިނުން އެދި ޕީޖީގައި އެދެވިދާނެއެވެ. އަދި ސީޕީ ސޮއިކޮށްފައި ފޮނުވާ ލިޔުމަކުން ޕީޖީ އަށް ހުށަހަޅައިފި ހިނދެއްގައި، ޕީޖީން ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކަމާ ގުޅޭ އިދާރާތައް އެކުގައި އެކަމުގެ ޝިކާރައަކަށްވި ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށް ބުނެފަ އެވެ.

ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ ކުއްޖާ ރޭޕްކޮށް، ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!