ޙައްޤުތައް ގެއްލިއްޖެ، މިއީ މަގުމައްޗަށް ނުކުމެ ޙައްޤު ހޯދަންވީ ވަގުތު: ޝުޖާއު
ޙައްޤު ހޯދުމަށް މަގުމައްޗަށް ނުކުތުމަށް ޕީއެންސީގެ ނައިބު ރައީސް ކުރީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއު ގޮވާލައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ފުލުހުންގެ އިދާރާއަށް ހާޟިރުކުރުމުން އެކަމާ އިހުތިޖާޖުކުރުމަށް އެމްއެމްއޭ ކައިރީގައި ހުންނަވައިގެން ވާހަކަ ދައްކަވަމުން ޝުޖާ ވިދާޅުވީ މި ސަރުކާރުން ދަނީ އިދިކޮޅު ފުނޑާލުމަށް މަސައްކަތްކުރަމުން ކަމަށެވެ.
ޝުޖާ ވިދާޅުވީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޑިގައި ތައްބަވައިގެން އިދިކޮޅު އެއްކޮށް ފުޑާލުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ކަމަށެވެ. އެގޮތުން ނުޙައްގުން ރައީސް ޔާމީން ޖަލަށް ލާފައިވާކަމަށާއި، މިވަގުތު ސަރުކާރުގެ ޓާގެޓް ހުރީ ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އަދި މިހާރުގެ ސިޓީކައުންސިލްގެ ޕީޕީއެމް ކެނޑިޑޭޓް ފްރޭމް ކުރުމަށް ކަމަށް ޝުޖާ ވަނީ ތުހުމަތުކުރައްވާފައެވެ.
"މި ސަރުކާރުން ހިންގާ ކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ގެންދާތީވެ، ޚާއްސަކޮށް ރައީސް ޔާމީންގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކުރެއްވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ޑރ.މުއިއްޒުއާއި އަޅުވައިގެން ނޫމަޑިގެ މައްސަލައިގައި ފްރޭމްކޮށް މުއިއްޒުގެ ކެންޑިޑެންސީ ބާޠިލުކުރުމަށް ސަރުކާރުން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން: ޝުޖާ ވިދާޅުވިއެވެ.
ޝުޖާ އިތުރަށް ވިދާޅުވީ، ޙައްޤުތައް ގެއްލިއްޖެ ކަމަށާއި، ޙައްޤުތައް ހޯދުމަށް މަގުމައްޗަށް ނުކުންނަށް ޖެހިއްޖެކަމަށެެވެ. އެގޮތުން އެތައް ދިވެހި ރައްޔިތެއްގެ ވަޒީފާ ގެއްލިފައިވާއިރު ބޭރުގެ ފަރާތްތައް ވަޒީފާތަކުގައި އެބަތިބިކަމަށެވެ. ގޭގައި ބަަސްއަހައިގެން ތިބެގެން ލިބޭނެ އެއްވެސް މޮޅެއް ނެތްކަމަށް ވިދާޅުވަމުން ޝުޖާ ވިދާޅުވީ ޑިމޮކްރަސީ އޮންނަ ބޮޑެތި ޤައުމުތަކުގައިވެސް އޮންނަނީ ޙައްގުތައް ގެލުމުން މަގުމައްޗަށް ނުކުމެ އެކަމަށް އަޑު އުފުލުން ކަމަށެވެ. އެހެން ކަމުން ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުންނަންވީ ވަގުތު ޖެހިއްޖެކަމަށްވެސް ޝުޖާ ވިދާޅުވިއެވެ.