ޚަބަރު

11 އަހަރުގެ ކުއްޖާގެ ރޭޕް މައްސަލަ: ގެސްޓްހައުސްތައް މޮނިޓާ ނުކުރެވޭ

ދެން އެމްވީ ، ދެން އޮންލައިން

މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރުމާއި ގުޅިގެން ހަރުކަށި ފިޔަވަޅުތައް އެޅުމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން، (އާކް) އިން ގޮވާލައިފި އެވެ.

Ads by STELCO

މިދިޔަ ބުދަ ދުވަހު ކުޑަ ކުއްޖާ ރޭޕްކުރީ މަގުމައްޗަށް ނުކުތްތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންދިއުމަށް ފަހު އެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 38 އަހަރުގެ ފިރިހެނަކު ވަނީ ރޭ ހައްޔަރުކޮށްފަ އެވެ.

އެމައްސަލައާ ގުޅިގެން އާކުން ނެރުނު ބަޔާނުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ގެސްޓް ހައުސްތައް ގަވައިދުން މޮނިޓާ ނުކުރެވޭ ކަމަށާއި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް އެއްވެސް ހުއްދައެއް ނެތި ވެސް ދުވަހު ކުއްޔަށް ކޮޓަރިތައް ދޫކުރާ ކަމަށެވެ.

ގެސްޓްހައުސްތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ނުވަތަ އެކްސްޕްލޮއިޓޭޝަން ހުއްޓުވުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އާކް އިން ވަނީ ގޮވާލައިފަަ އެވެ.

"އެކްސްޕްލޮއިޓް ކުރުމުގެ މަގުސަދުގައި ކުޑަކުދިން އެއް ރަށުން އަނެއް ރަށަށް ގެންދާ ކަމަށް ރިޕޯޓުކުރެވޭ މައްސަލަތައް އިތުރުވަމުން ދާތީ، އިންސާނީ ވަގުފާރިން ކުޑަކުދިން ރައްކާތެރި ކުރުމަށްޓަކައި ދަތުރުފަތުރުކުރުމާ ގުޅުން ހުރި ގާނޫނުތަކާއި ގަވައިދުތައް އިތުރަށް ހަރުދަނާކުރުމަށް ވެސް ގޮވާލަން،" ބަޔާނުގައިވެ އެވެ.

މި ދެ މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް 2019 އަހަރު ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މައްސަލައިގައި ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅަން ގޮވާލާފައިވެ އެވެ.

އާކުން ބުނިގޮތުގައި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުއީ އަދި އިޖުތިމާއީ ދާއިރާގައި ރަނގަޅު ކުރަން ހުރި ގިނަ ކަންތައްތަކެއްގެ ސަބަބުން އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރަން ބޮޑެތި ހުރަސްތަކެއް ހުރި ކަމަށެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް އުމުރުން 16 އަހަރު ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. ފުލުހުން އޭރު ބުނެފައިވަނީ ކުއްޖާ ހޯދަން ފެށީ އެ ކުއްޖާ އަށް ވީނުވީއެއް ނޭނގި، ނުރައްކަލަށް ހުށަހެޅިފައިވާ ކަމުގެ މައްސަލައެއް އާއިލާ އިން ހުށަހެޅުމުން ކަމަށެވެ. ރޭޕްކޮށް، ކުޑަކުއްޖާ ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!