ޚަބަރު

މިދުވަސްވަރު ކަނޑުމަތީގެ ހާދިސާތައް ގިނަ، މޫސުމަށް ސަމާލުވޭ: އެމްއެންޑީއެފް

މޫސުން ގޯސްވުމުގެ ސަބަބުން މިދުވަސްވަރު ކަނޑުމަތީގައި ތަފާތު ހާދިސާތައް ހިނގަމުންދާ ކަމަށާއި ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވާން އެމްއެންޑީއެފުން ގޮވާލައިފި އެވެ.

އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ މިދުވަސްވަރު މޫސުން ގޯސްވުމާއި ގުޅުގެން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އެހެން ކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާކުރާ ކަމަށެވެ.

މޫސުން ގޯސްވެ، މޫސުމާބެހޭ މައި އިދާރާ، މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓްވެސް ނެރެފަ އެވެ. ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް އާންމު ވައި ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރު މިނުގައި ޖެހެމުންދާއިރު ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެއެެވެ.

ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހަވީރު 17:30 ން 20:30 އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!