ދީން

ޖިލްބާބުގެ ސަބަބުން މޫނު މައްޗަށް ދުނިޔޭގެ ކިތަންމެ ދޮރެއް ލެއްޕުނަސް މުހިންމީ ނަރަކައިގެ ދޮރު ބަންދު ވުމެވެ.

އާއިޝަތު އަލީނާ ، ދެން އޮންލައިން

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުސްލިމު ކަނބަލުން ނިވާވުމަށް އަންގަވާފައެވެ. ލަދުވެތިކަން އިސްކުރުމަށާއި އިއްފަތްތެރިވުމަށް އަންގަވާފައެވެ.

Ads by STELCO

އެއިލާހު ވަޙީ ކުރެއްވިއެވެ.

﴿وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ﴾[النور: ]٣١

މާނައީ: “އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅު ވެގެންވާވަރު ފިޔަވާ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށި ކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާ ކުރާ ހުށި ކަމެވެ!”

މިއީ އަޅުގަނޑުމެންގެ ދުސްތޫރުގައި އަންހެން ކަނބަލުން ހެދުން އެޅުމަށް އަންގަވާފައި އޮތް ގޮތެވެ. ނަމަވެސް ހިތާމައަކީ އެ ގޮތަށް ޢަމަލު ކުރަމުންދާ މީހުންނަށް އެކިއެކި ކަންކަމުގައި ހުރަސް އެޅިގެން ނުވަތަ އަޅަމުން ދިޔުމެވެ.

ބާރު ހެދުން ނުވަތަ ކުރު ހެދުމެއް ލައިގެން ދާ މީހަކަށް ނުދޭ ސަމާލުކަން ނިވާވެގެން ތިބޭ ކަނބަލުންނަށް ދީ އެ ކަނބަލުންނަށް ހަޑިހުތުރު ބަހުން ފުރައްސާރަ ކުރެއެވެ. މޫނު ނިވާ ކުރުމުން މަލާމާތުގެ އެކިއެކި ނަންނަމުން ގޮވެއެވެ. މޫނު ނިވާ ކުރުމުން ވަޒީފާ އަދާ ކުރުމުގައި ދަތި ވުމާއި ޚިދުމަތް ހޯދުމަށް އެކި ތަންތަނަށް ދިޔުމުން އާޑަ ފުރައްސާރަ ކުރުން މި އޮތީ އާންމު ކަމަކަށް ވެފައެވެ. ނަމަވެސް ދުނިޔޭގެ މަލާމާތާއި ފުރައްސާރައަށް ވުރެ މުހިންމީ ﷲ ތަޢާލާގެ ރުހުމެވެ.

މުސްލިމު ކަނބަލަކަށް ބުނެވުނެވެ. ތިބާގެ ތި ޖިލްބާބުގަނޑާ ހެދި ތިބާގެ މޫނު މައްޗަށް ހާދަހާ ގިނަ ދޮރުތަކެއް ބަންދު ވާނެއެވެ. ފަޚުރުވެރިކަމާއެކު އޭނާ ޖަވާބު ދިނެވެ. އާނއެކެވެ! އެންމެ މުހިންމީ ނަރަކައިގެ ދޮރު ބަންދު ވުމެވެ.

ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.

((صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَومٌ مَعَهُمْ سِيَاطٌ كَأَذْنَابِ البَقَرِ يَضْرِبُونَ بِهَا النَّاسَ، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مَائِلاَتٌ مُمِيْلاَتٌ، رُءُوسُهُنَّ كَأَسْنِمَةِ الْبُخْتِ المَائِلَةِ، لاَ يَدْخُلْنَ الجَنَّةَ وَلاَ يَجِدْنَ رِيْحَهَا، وَإِنَّ رِيْحَهَا لَيُوجَدُ مِنْ مَسِيْرَةِ كَذَا وَكَذَا)) [رَوَاهُ مُسْلِمٌ]

މާނައީ: “ނަރަކަ ވަންތަވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބަޔަކު ވެއެވެ. ތިމަންކަލޭގެފާނު އެ ދެބާވަތުގެ މީހުން ދެކެވަޑައި ނުގަންނަވަމެވެ. އެއްބަޔަކީ ގެރީގެ ނިގޫ ތަކެއް ފަދަ ޗާބޫކު ތަކެއް އެބައިމީހުންނާ އެކުގައިވާ ބައެކެވެ. އެބައިމީހުން އެއިން މީސްތަކުންގެ ގައިގައި ތަޅާ ހަދާނެއެވެ. އަދި އަނެއް ބަޔަކީ ފޭރާން ލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އަދި އެކަނބަލުން މީސްތަކުންގެ މައްޗަށް ލެނބިގެން ތިބޭ ޙާލު އެހެން މީހުން އެކަނބަލުންގެ މައްޗަށް ލެންބުމަށް މަސައްކަތް ކުރާނެއެވެ. އެކަނބަލުންގެ ބޮލުގެ އިސްތަށިގަނޑު ވަނީ ލެނބިފައިވާ ޖަމަލުގެ ގޮންގަނޑުތައް ފަދައިންނެވެ. އެކަނބަލުންނަކީ ސުވަރުގެ ވަންނާނޭ ބައެއް ނޫނެވެ. އަދި ކީއް ހެއްޔެވެ. އެކަނބަލުންނީ ސުވަރުގޭގެ ވަސްވެސް ދެކޭނޭ ބައެއް ނޫނެވެ. ހަމަކަށަވަރުން އެވެނި މިވެނި ދުރުމިނަކަށް ސުވަރުގޭގެ މީރުވަސް ހުންނާނެއެވެ.”

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!