ޚަބަރު

ޖޯރޭގެ މައްސަލަ ފުލުހަށް ހުށަހެޅުއްވިކަމީ ރައީސް ވަހީދުގެ އަނިޔާވެރިކަން ކަށަވަރުކޮށްދިން އަމަލެއް: އެމްޑީޕީ

ދެން އެމްވީ ، ދެން އޮންލައިން

އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހީމް ޖައުފަރުގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ކުރީގެ ރައީސް މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ އެމަނިކުފާނުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެއް ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރި ކޮށްފިއެވެ.

Ads by STELCO

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ، އަދި އިސްލާޙީ ޙަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެލައްވާ އިބްރާހީމް ޖައުފަރު، ރައީސް ވަހީދަށް ހަމަލާދިން ކަމަށް ބުނެ އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތައް އެ ޕާޓީން ހަރު އަޑުން ކުށްވެރި ކުރާ ކަމަށެވެ.

އެ ޕާޓީން ބުނީ އެ ހާދިސާ ހިނގިގޮތްކަމަށް އެނގިފައިވާގޮތުން، އުސްފަސްގަނޑު ސަރަޙައްދު މަގުމަތިން އިބްރާހީމް ޖައުފަރު، ނުރުހުމުގެ ބަސްތަކަކުން އަދި "ބާޣީ" ގެ ނަމުން ރައީސް ވަޙީދަށް މުޚާތަބުކުރައްވާފައިވަނީ، އޭނާއާ ދިމާއަށް ރައީސް ވަހީދު ވަނަމަކުން ގޮވައި މުޚާތަބުކުރެއްވުމުން އުފެދުނު ޒުވާބެއްގެ ތެރެއިން ކަމަށެވެ. އަދި މިގޮތަށް ހަމައެކަނި ބަސްތަކަކުން މުޚާތަބުކުރެވުނުހިނދު، "ޖިސްމާނީ ޙަމަލާއެއް" ދީފިކަމަށް ދޭހަވާގޮތަށް ރައީސް ވަހީދު ޓްވީޓްކުރެއްވުމަކީ ޙަޤީޤަތް އޮޅުވާލެއްވުމުގެ ގޮތުން ކުރެއްވިކަމެއްކަމުގައި އެ ޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސަކަށް ހުންނަވައިގެން، ރައީސް ވަހީދު ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ބަޣާވާތުގެ ވެރިކަން ދިފާޢުކުރެއްވުމަށްޓަކައި ރައްޔިތުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާއިރު، އޭގެތެރެއިން އިބްރާހީމް ޖައުފަރަށް ވެސް ނުހަނު ބޮޑެތި ލާއިންސާނީ އަނިޔާތައް ކޮށްފައިވާ ކަމަށާއި އެގޮތުން އޭނާއަށް ލިބިލެއްވި އަނިޔާތަކުގެ އަސަރުގައި މިހާރުވެސް ދޭތެރެ ދޭތެރެއިން ޝޮކްޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާކުރަންޖެހިފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

"ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވެރިކަމުގައި ހުންނެވިއިރު، އިބްރާހީމް ޖައުފަރަށް ކުރި ލާއިންސާނީ ބޮޑެތި އަނިޔާތައް ތަޙްޤީޤުކުރެވި އޭނާއަށް އިންސާފު ލިބިދެވިފައި ނުވާއިރު، އޭނާއަށް އެއަނިޔާތައް ކުރިމަތި ކުރުވި ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކާ މުޚާޠަބުކޮށް އޭނާ ނުރުހުމުގެ ބަސްތަކެއް ރައްދުކުރެއްވުމުން، އެކަމަށްޓަކައި އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤު ހިންގައި، ދައުވާ ކޮށް، އަދަބު ދިނުމަށް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވިކަމީ ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކުގެ ލާއިންސާނިއްޔަތުކަމާއި، އަނިޔާވެރިކަމާއި، ގޮތެއްފޮތެއް ނެތްކަން އަނެއްކާވެސް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިން އަމަލެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން އިތުރަށް ބުނީ ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިޚާބުކުރި ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ރައްޔިތުންނަށް ކުރި ލާއިންސާނީ އަނިޔާއާއި ދިވެހިރާއްޖެއަށް ދިން ބޮޑު ގެއްލުމަށް އިންސާފުލިބިފައިނުވާއިރު، އެއަނިޔާ ދިނުމުގެ މުގުލުގައި ތިއްބެވި ބޭފުޅުންނާމެދު ނުރުހުމުގެ ޝުޢޫރުތައް ރައްޔިތުން ފާޅުކުރަމުން ގެންދާނޭ ކަމީ ރައީސް ވަހީދު ވެސް ޤަބޫލުކުރައްވަންޖެހޭނޭ ޙަޤީޤަތެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!