ރައީސް ވަހީދަށް ފުރައްސާރަ ކުރި މައްސަލާގައި ފިޔަވަޅު އަޅައިދޭން އެމްއާރުއެމްއިން ގޮވާލައިފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނާ އެމްޑީޕީގެ އެކްޓިވިސްޓަކު މަގުމަތިން ދިމާކޮށް އަނގަބަހުން ހަމަލާދިން މައްސަލާގައި ފިޔަވަޅު އަޅައިދޭން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.
ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށާއި އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޑރ. ވަހީދުގެ ދެކަނބަލުން ހެނދުނު ކަސްރަތަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް ދިން ހަމަލާ ކުއްވެރި ކުރާ ކަމަށެވެ. އަދި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ ހަށިކޮޅަށް ގެންލުން ދެވޭ ފަދަ ހިސާބެއްގައި ހުރެ ހަޑިހުތުރުބަހުން މުއާމަލާތް ކުރުމަކީ މި ޕާޓީން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ މުޖުތަމައުގައި ބިރުވެރިކަމާއި، ރުޅިވެރިކަމާއި، ބައިބައިވުން އުފެދޭނެ ކަންތައްތަކެވެ. އަދި އެއީ ދީމިޤްރާތީ މުޖުތަމައު ތަކުގައި އެއްވެސް ވަރަކަށް ފެނިގެންވާނޭ ކަމެއް ނޫންކަމަށް މިޕާޓީން ދެކެމެވެ." އެމްއާއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ހަމަ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއްކަމަށް ވީނަމަވެސް، އެ ހައްގުގެ ބޭނުން ކުރަން ވާނީ އަނެކާގެ ނަފުސު ނުރައްކަލަށް ހުށަހަޅާފައި ނޫން ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.
"މި މައްސަލައިގައި ބަލަންހުރި ކަންކަން ބަލާ ފިޔަވަޅު އެޅުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މިޕާޓީން ގޮވާލަމެވެ." އެމްއާރިއެމުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީދު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު 7:07 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލާގައި ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.