ރިޕޯޓް: ސެލެބްރިޓީންގެ ''އުފާވެރި'' ދިރިއުޅުމާއި ހިތި ނިމުން ، ޙަޤީޤަތަކީ ކޮބާ؟
މީގެ އަހަރުތަކެއް ކުރިން އިސްލާމްދީން ޤަބޫލު ކުރި އެމެރިކާގެ މަޝްހޫރު ފޮޓޯ ގްރާފަރެއް ކަމަށްވާ ނިކޯލް ކުއީން ކިޔައިދީފައި ވެއެވެ.
އޭނާ އަބަދުވެސް ބޭނުންވީ ސެލެބްރިޓީންގެ ''އުފާވެރި'' ދިރިއުޅުމެވެ. ބޭނުން އެއްޗެއް ގަނެ ، ބޭނުން ކަމެއްކޮށްލާ އުޅޭ ތަނަވަސް ދިރިއުޅުމެކެވެ. އަމިއްލަ މަސައްކަތުން ކުރިއަރާ ، މަޝްހޫރު އެތައް ފަންނާނުންގެ އިވެންޓްތައް ކަވަރު ކުރާ ފޮޓޯގްރާފަރެއްގެ މަޤާމު އޭނާ ހޯދިއެވެ. ނަމަވެސް އެމީހުންގެ ޙަޔާތުގެ ކަންކަން ހޯދާ ބަލަން ފެށުމުން އޭނާ އަށް ފެނިގެން ދިޔައީ އެފަދަ ގިނަ މީހުން އަބަދު ވެސް މައްސަލަގަނޑެއްގެ ތެރޭގައި އުޅޭ މަންޒަރެވެ. އެއްބައެއްގެ އާއިލާ ރޫޅި އަނެއް ބަޔަކު ރިހެބްގައި ފަރުވާ ހޯދަނީއެވެ. ނުވަތަ އަނެއް ބަޔަކު އަމިއްލަ އަށް މަރުވެ ދަނީ އެވެ. ތަނަވަސްވެ މަޝްހޫރު ވުމަކުން އެމީހުންނަކަށް ނަފްސްގެ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެހިސާބުން ނިކޯލް ކުއީންއަށް މަޖުބޫރުވީ ދިރިއުޅުމުގެ އަސްލު މަޤްޞަދަކީ ކޮބައިތޯ ބަލާ ހޯދާށެވެ. އޭނާގެ މި ހޯދުންތަކުގެ ނަތީޖާއަކަށް ވެގެން ދިޔައީ މާއްދީ ދުނިޔޭގެ އަޅުވެތިކަމުން މިނިވަންވެ ﷲގެ އަޅަކަށް ބަދަލުވުމެވެ.
ނިކޯލް ކުއީން އަށް ﷲ ތަޢާލާ ހިދާޔަތް ދެއްކެވިއެވެ. ނަމަވެސް ސެލްބްރިޓީ ދުނިޔޭގައި ޣާފިލްކަމުގައި އަމިއްލަ ޙަޔާތް ބަރުބާދު ކޮށްލާ ގިނަ މީހުންގެ ވިސްނުމާއި ހިޔާލާތަކީ ކޮބައިތޯއެވެ. ގަޟާގަދަރަށް އީމާން ނުވުމާއި ކުފްރުގެ ބަލީގައި އަމިއްލައަށް މަރުވެދަނީ މިފަދަ ކިތައް ''ތަރިން''ހެއްޔެވެ؟ ބޮލީވުޑްގައި އަރަމުން ދިޔަ ފިލްމް ސުޓާރެއްކަމަށްވާ ސްޝާންތުގެ މަރާއެކު އެއްބަޔަކު ކަރުނައަޅާ ރޯއިރު ، މިފަދަ ކަންކަމުގެ ޙަޤީޤަތާއި ހަމަޔަށް ތިބާގެ ވިސްނުން ދަތުރުކުރި ހެއްޔެވެ؟
ޙަޤީޤަތާއި މެދު ވިސްނާލަން ކުޑަ ވަގުތު ކޮޅެއް ހޭދަ ކޮށްލަމާ ހެއްޔެވެ؟
ސެލްބްރިޓީންގެ ދިރިއުޅުމަކީ އަހަރެމެންގެ ވަރަށް ގިނަ ބަޔަކު އުޅެން ބޭނުންވާނެ ދިރިއުޅުމެކެވެ. އަދި އެހެންވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ވެސް ނޫންމެއެވެ. ސަބަބަކީ އަހަރެމެންނަށް އަބަދު ވެސް ފެންނަނީ އެމީހުން ދޫކޮށްލާ ފޮޓޯ ގަނޑެކެވެ. ދުނިޔޭގެ އެކި ތަންތަނަށް އުދުހިލާ ''ހިތްހަމަޖެހިގެން''އުޅޭ ތަނެވެ. ޙަޔާތުގެ ބައިވެރިޔާ ނުވަތަ ރައްޓެހިވެގެން އުޅޭ މީހާއާއެކު އުޅޭ ތަންތަނާއި ކުރާ ކަންކަމެވެ. ނަމަވެސް އެ ދެމަފިރިން ހޭދަ ކުރާ ވަގުތުތަކަކީ އެމީހުންނަށް ހިތްހަމަ ޖެހުން ލިބޭ ވަގުތުތަކަކަށް ނުވެއެވެ. އެހެންވެ އަނެއްކާ ވެސް އާންމުންގެ ކޮމެންޓްތަކަށް އެ ފޮޓޯތައް ދޫކޮށްލަން ޖެހެއެވެ. ހާދަ ރީއްޗޭ ، ހާދަ ފުރިހަމައޭ ފަދަ ކޮމެންޓްތަކުން ވެސް ހިތްހަމަ ޖެހުމެއް ލިބޭތޯއެވެ.
ބައެއް ސެލްބްރިޓީންގެ ނަޒަރުގައި އެމީހުންނަށް ހިތްހަމަ ޖެހުން ނުލިބޭ އެއް ސަބަބަކީ އިސްލާމް ދީނެވެ. އެމީހުންގެ ހިތް އެދޭ ކަންކަން އެދީނުގައި މަނާކޮށްފައި އޮތުމީ އެމީހުންނަށް ހިތްހަމަ ޖެހުން ނުލިބޭ ސަބަބެވެ. ނަމަވެސް ޙަލާލެއް ޙަރާމެއް ނުބަލާ ''ހިތްހަމަ ޖެހުން''ހޯދާ މީހުންގެ ޙަޔާތަކީ ކޮންފަދަ ހަޔާތެއް ހެއްޔެވެ؟ އެކަމުގައި ''ހިތްހަމަ ޖެހުން ''ހޯދަމުން ދަނިކޮށް އޯވަޑޯޒް ވެގެން މަރުވެ ނުވަތަ ކޮންމެވެސް ތަނަކުން ފުންމާލާ ނޫންނަމަ ތަނެއްގައި އެލިގެން އޮވެ މަރުވުމުން އެއީ ހިތްހަމަޖެހުންތޯ އެވެ.
ސެލެބްރިޓީންނަކީ، ދުނިޔޭގައި އިންސާނުންނަށް ހިތްހަމަ ޖެހުން ލިބުމަށް ބޭނުންވާ ޖާހާ މަންސަބާއި މީހުންގެ ތަރުހީބާއި ފައިސާ މި ނޫން ވެސް ހުރިހާ އެއްޗެއް ލިބިފައިވާ ބައެކެވެ. ކުރާ ކިތަންމެ ކުޑަ ކަމަކަށް ނަމަވެސް މުޅި މީޑިއާގެ ސަމާލުކަން ލިބެއެވެ. އެއީ ، ތަނަކަށް ދާން ޖެހުނަސް ހަށިފާރަވެރިންނާއެކު ނޫނީ ނުދެވޭ ، ރައްކާތެރި ކުރެވިގެންވާ ބައެކެވެ. ނަމަވެސް ޙަޤީޤަތަކީ އާދައިގެ އިންސާނުންނަށް ލިބިފައިނުވާ އެތައް ނިޢުމަތެއް ކަމަށްވާ ފައިސާއާއި މުދަލާއި ތަރުހީބާއި ތަޢުރީފު އެތައް ގުނައެއް އިތުރަށް ލިބިގެންވީއިރު ވެސް އެމީހުންގެ ހިތަކީ ހަމަޖެހުން ލިބިގެންވާ އެއްޗަކަށް ނުވެއެވެ.
ދަންނާށެވެ. ހިތަށް ހަމަޖެހުން ނުލިބޭނަމަ ދެން އޭނާ ކުރާ ކަމަކުން ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެއެވެ. 40 މިލިއަން ޑޮލަރު މިލްކިއްޔާތުގައި ހުރި އެމެރިކާގެ މަޝްހޫރު ފިލްމީތަރި ޖޮންހެމް ރިހެބްގައި ހޭދަ ކުރަން ޖެހުނީ އޭނާއަށް މި ދުނިޔޭން ކޮން ހިތްހަމަ ޖެހުމެއް ނުލިބިގެންތޯއެވެ؟ ކުރީގެ މިސް އިންޑިއާ ނަފީސާ ޖޯސެފާއި ފިލްމީ ތަރި ޖިއާ ޚާން އާއި ދިވްޔާ ބާރަތީފަދަ ރީތީގެ ރާނީން އަމިއްލައަށް މަރުވާން ޖެހުނީ ކޮންކަމެއް ހާޞިލް ނުވެގެން ހެއްޔެވެ؟ އަހަރެމެންގެ މި މުޖުތަމަޢަށް ބަލާނަމަ މިޔުޒިކު ކުޅެގެން ނުވަތަ ލަވަ ކިޔައިގެން ޢަލީ ރަމީޒަށް ނުލިބުނު އެއްޗެއް ނުވަތަ މަޝްހޫރު ކަމެއް އޮތް ހެއްޔެވެ؟ އޭނާ އެކަމުން ދުރުވާން ޖެހުނީ ކޮންކަމެއް ހާޞިލް ނުވެގެން ހެއްޔެވެ؟ އެހެންކަމުން ޙަޤީޤަތަކީ ހިތުގެ މިލްކް ވެރި އިލާހް ނުދެއްވާ ހިތްހަމަ ޖެހުމެއް ، އިންސާނާ ކުރާ އެހެން ކަމަކުން ދެން ނުލިބޭނެ ކަމެވެ.
ހިތްހަމަ ޖެހުން ލިބޭނެ ސަބަބު އެ އިލާހު ވަނީ ވަހީ ކުރައްވާ އަންގަވާފައެވެ.
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
"އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
މި މަގުން ދުރުވެ ، މި ނޫން ގޮތަކަށް ހޯދަން އުޅޭ ހިތްހަމަ ޖެހުމަކީ ޙަޤީޤަތެއް ނޫނެވެ.އެފަދަ މީހުން ވަގުތީ އުފާވެރިކަމެއްގައި އުޅުނު ނަމަވެސް އެމީހުންގެ އިހްސާސަކީ އަބަދުވެސް ޙަޔާތުން އެއްޗެއް ނުވަތަ ކަމެއް މަދު ކަމުގެ އިހްސާސެވެ. ނަތީޖާއަކަށް ވެގެންދަނީ މަސްތުވާ ތަކެއްޗާއި ކުށުގެ އަނދިރި ހަޔާތަކަށް ދިޔުމެވެ. ނުވަތަ ދެން ''އެހެން ގޮތެއް ނެތި'' އަމިއްލައަށް މަރުވުމެވެ. ވަގުތީ ހިތްހަމަ ޖެހުމަކީ މަދިރިއެއްގެ ފިޔައެއްގެ މިންވަރެއް ވެސް ނޫނެވެ. އެކަން އެނގޭނީ ޙަޤީޤީ ހިތްހަމަ ޖެހުން އިހްސާސް ކުރެވޭ މީހަކަށެވެ.