ރައީސް ވަހީދު ހައްޔަރުކުރުމަށް އެމްޑީޕީ މެމްބަރަކު ގޮވާލައްވައިފި
ކުރީގެ ރައީސް މުހައްމަދު ވަހީދު ހައްޔަރުކުރުމަށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން އަހުމަދު ގޮވާލައްވައިފިއެވެ.
ރައީސް ވަހީދުއާއި އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އިއްޔެ ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ ވަނީ މަގުމަތިން ފުރައްސާރަ ކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުތުރު އަމަލަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ. އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލާ ދިން" ކަމަށެވެ. ނަމަވެސް އެއީ ގަޔަށް އަތްލުން ކަމަށް ދޭހަވާ ޓުވީޓެއް ކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެ މައްސަލައިގައި ވެސް ވަހީދަށް ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުު (ވައްޑެ) މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލާގައި ވަނީ ރައީސް ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.
އެ މައްސަލާގައި ބަހުސް ކުރަށްވަމުން ހަސަން ވިދާޅުވީ ރައީސް ވަހީދު ވީހާވެސް އަވަހަށް ހައްޔަރުު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގޮވާލާ ކަމަށާއި އެއީ ރާއްޖޭގެ އަމަން އަމާންކަން ނަގާލަން ވަހީދު މަސައްކަތް ކުރައްވާތީ ކަމަށް ހަސަން ވިދާޅުވިއެވެ.
"ރާއްޖޭގެ މުސްތަގުބަލް ނަގާލަން މަސައްކަތް ކުރާތީ. އަނެއްކާ އެ ދުވަސް ގެންނަން އޭނާ މަސައްކަތް ކުރަނީ. އެހެންވީމަ އެކަންކަމުން ގައުމު ސަލާމަތް ކުރަން ޖެހޭ. މުއައްސަސާތަކުން އެކަން ބަލަން ޖެހޭނެ. ހަމަ ސީދާ އެހުރީ ބަޣާވާތް ކުރަން ނުކުމެ، ފަތިސް ދަޅައިގައި މީހަކު ބަހެއް ބުނީމަ އެކަން އަނެއްކާ ވެސް އޭތިކޮށްގެން ގައުމުގެ ސުލްހަމަސްލަސްކަން ނަގާލަން މިއުޅެނީ،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވި ގޮތުގައި ވަހީދު ކަހަލަ ބޭފުޅުން މުޖުތުމައުގެ ތެރޭގައި އުޅުމަކީ ބިރުވެރި ކަމެކެވެ.
ހަސަން ވިދާޅުވީ ވަހީދަކީ ވޯޓެއް ލިބިވަޑައިގެންނެވި ބޭފުޅަކަށް ނުވާ އިރު، އެމަނިކުފާނަށް އޮފީހާއި އިނާޔަތް ލިބިވަޑައިގަތުމަކީ މެމްބަރުން ކުށްވެރިވާނެ ކަމެއް ކަމަށެވެ. އެހެންވެ، އިނާޔަތްތައް ކަނޑާލަން ޖެހޭ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.