ޚަބަރު

މި ލިބުނު ލުޔާއެކު އިތުރު ބަންދަކަށް ނުގޮސް މިންޖުވޭތޯ ބަލަމާ ހިނގާ: މޫސަ

ލޮކްޑައުނުން ލިބުނު ލުޔާއެކު އިތުރު ބަންދަކަށް ނުދިއުމުގެ ބާރު އޮތީ ރައްޔިތުންގެ އަންމަތީގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ކުރީގެ އެމްޑިޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އާ ގުޅިގެން މާލޭ ސިޓީގައި އުޅޭ ފަރާތްތަކަށްވެސް ފޭސް ދޭއްގެ ދަށުން ލުއިތަކެއް ދިނުމާއެކު މޫސަ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެންމެން ގުޅިގެން މަސައްކަތް ކުރީ މި ބަލި މަޑުކަމުން އަރަގަނެ ކުރީގެ ހާލަތަށް ރުޖޫއަވުމަށްކަމަށެވެ.

އެހެންކަމުން ލޮކްޑައުނަށް ލުއި ލިބުނު ނަމަވެސް އިތުރު ފުރަ ބަންދަކަށް ދާން ބޭނުން ނުވާ ނަމަ ދީފައިވާ އިރުޝާދުތަކަށް ތަބާވެ އަމަލުކުރުން މުހިންމުކަމަށް މޫސަ ވިދާޅުވި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން ބާތިލުވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!