ރައީސް ވަހީދަށް ދޭ އިނާޔަތް ކަނޑާލަން އެމްޑީޕީ މެމްބަރުން ގޮވާލައިފި
ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކަށް ދެމުން އަންނަ އިނާޔަތް ކަނޑާލަން މިއަދުގެ ރަައްޔިތުންްގެ މަޖިލީހުގައި އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލައިފި އެވެ.
ރައީސް ވަހީދުއާއި އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އިއްޔެ ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ ވަނީ މަގުމަތިން ފުރައްސާރަ ކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުތުރު އަމަލަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ. އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލާ ދިން" ކަމަށެވެ. ނަމަވެސް އެއީ ގަޔަށް އަތްލުން ކަމަށް ދޭހަވާ ޓުވީޓެއް ކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެ މައްސަލައިގައި ވެސް ވަހީދަށް ފާޑުކިޔަމުންނެވެ.
މިކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުު (ވައްޑެ) މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލާގައި ވަނީ ރައީސް ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.
މި މައްސަލައަށް ބަހުސްކުރައްވަމުން ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔޫނުސް އަލީ ވަނީ، ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް ދޭ އިނާޔަތުގެ ގޮތުގައި ރައީސް ވަހީދަށް ދެމުން އަންނަ އިނާޔަތް ކަނޑާލަން ހުށަހަޅުއްވައިފައެވެ.
"އަޅުގަނޑު ހުށަހަޅާލަން އެރި ގޮތަކަށް ވެރިކަމަށް އަރައި ގާނޫނާ ހިލާފަށް އެއް ހަފްތާ ބާޣީ ވަހީދު ވެރިކަމުގައި ހުރީތީ އޭނާއަށް ލިބޭ ހުރިހާ އިނާޔަތްތަކެއް ކަނޑާލަން،" މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އިވާ އަބްދުﷲ ވެސް ވަނީ ވަހީދަކީ ރައްޔިތުންގެ އިންސާފާއި، ވޯޓާއި، އަސާސީ އެތައް ހައްގެއް ޖަހައިގެންފައިވާ ފަރާތެއް ކަމަށާއި ދިވެހި ރައްޔިތުންގެ އެއްޗެއް ފޭރިގަނެގެން، ޖަހައިގަނެގެން، ވައްކަންކުރާ މީހުންނަކަށް ދިވެހި ވެރިންނަށް ލިބޭ ހައްގު އިނާޔަތްތައް ލިބޭކަށް ނުފެނަންނަ ކަމަށް ވިދާޅުވެފައެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ވަނީ މީހަކު ބޭނުންކުރި ލަފްޒަކާ ގުޅިގެން، ޖިސްމާނީ އަނިޔާއެއް ދިން ކަމަށް ދޭހަވާފަދަ ގޮތަކަށް ޑރ. ވަހީދު ޓުވީޓުކުރައްވާފައިިވާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި އެމަނިކުފާނު ހައްޔަރުުކުރުމަށް ގޮވާލައްވައިފައެވެ.