ޚަބަރު

ރައީސް ވަހީދު ކަސްރަތުގައި އުޅުއްވާތަން ފެނިއްޖެނަމަ އެމަނިކުފާނަށް ބާޣީއަށް ގޮވުމަށް ސިރާޖު ގޮވާލައްވައިފި

ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ކަސްރަތުގައި އުޅޭތަން ފެނިއްޖެނަމަ އެމަނިކުފާނަށް ބާޣީއަސް ގޮވުމަށް ރައްޔިތުން މަޖިލިހުގެ ފޮނަދޫ ދާއިރާ މެންބަރު މޫސާ ސިރާޖު ގޮވާލައްވައިިފިއެވެ.

ރައީސް ވަހީދުއާއި އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އިއްޔެ ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ ވަނީ މަގުމަތިން ފުރައްސާރަ ކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުތުރު އަމަލަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ. އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލާ ދިން" ކަމަށެވެ. ނަމަވެސް އެއީ ގަޔަށް އަތްލުން ކަމަށް ދޭހަވާ ޓުވީޓެއް ކަމަށް ވުމުން ގިނަ ބަޔަކު ދަނީ އެ މައްސަލައިގައި ވެސް ވަހީދަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދުު (ވައްޑެ) މިއަދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލާގައި ވަނީ ރައީސް ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.

މި މައްސަލާގައި ބަހުސް ކުރައްވަމުން ސިރާޖު ވިދާޅުވީ ރައީސް ވަޙީދު ކަސްރަތުކުރެއްވުމަށް އުސްފަސްގަނޑަށް ވަޑައިގަންނަވާނަމަ އެތަނަށް އެންމެން ގޮސް އެމަނިކުފާނާ ދިމާލަށް ބާޣީއަށް ގޮވުމަށް ގޮވާލައްވާ ކަމަށެވެ.

"ޖޯރޭ އެކަންޏެއް ނޫން ގޮވާނީ. އަޅުގަނޑުމެން އެންމެން ބާޣީ ވަޙީދު ފެންނަހާ ތާކުން ބާޣީއޭ ގޮވާނަން. އަދި އަޅުގަނޑު ހަމަ ގޮވައިލަން، ބާޣީ ވަޙީދު ކަސްރަތުކުރަން އުސްފަސްގަނޑަށް ދަންޏާ އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް، ފެންނަހާ ބަޔަކު އެތަނަށް ގޮސް، ކަމާ ކަންފަށާ އެތަނަށް ގޮސް ހަމަ ބާޣީ ވަހީދަށް ބާޣީ ވަޙީދު ގޮވަން" ސިރާޖު ވިދާޅުވިއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ ރައީސް ވަޙީދަށް ބާޣީ ވަޙީދު ނޫން އެއްވެސް ނަމެއް ނުކިޔޭނެ ކަމުގައެވެ. އަދި އޭގެ އިތުރަށް 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ރައީސް ވަހީދު ފަހަތުގައި ހުންނަވައިގެން އެއިރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ކަމުގައެވެ. އަދި ފުލުހުންގެ އެންމެ އިސް ސަފުގައި މިހާރުވެސް ފުލުހުން އެބަތިބި ކަމަށާއި ފުލުހުންގެ މުއައްސަސާ އިސްލާހުކުރެވޭނީ ފުލުހުންގެ ތެރޭގައި ތިބި ބާޣީން މަޤާމުން ވަކިކޮށްގެން ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!