ޚަބަރު

މެމްބަރު ޝިޔާމަށް ދެރަގޮތެއް ވާކަށް އަޅުގަނޑު ނޭދެން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް އަށް ދެރަގޮތެއް ވާން ނޭދޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއަދު މީޑިއާއަށް މައުލޫމާތު ދެއްވުމަށް ނަޝީދު ވިދާޅުވީ މެމްބަރު ޝިޔާމް ވިޔަސް އަދި އެނޫން މެމްބަރަކަށް ވެސް ދެރަ އެއްވެސް ގޮތެއް މެދުވެރިވެގެން ދިއުމަކީ އެއްވެސް ހާލެއްގައި އެމަނިކުފާނު އެދިވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށާއި އެކަން އެހެން ވެގެންވެސް ނުވާނެ ކަމަށެވެ.

މަޖިލިސް ރައީސް ވިދާޅުވީ، ވެރިކަން ކުރާ މައި ޕާޓީ ކަމަށްވާ، އެމްޑީޕީ އަށް މަޖިލީހުގައި ކިތަންމެ ތަނަވަސް އަދި ބޮޑު އަޣުލަބިއްޔަތެއް ލިބިފައި އޮތަސް، އިދިކޮޅު މެމްބަރުން އަދި އިދިކޮޅު ޕާޓީތަކުގެ އަޑު މަޖިލީހުން އިވުމަކީ އަދި އެބޭފުޅުން މަޖިލީހަށް ވަޑައިގަތުމަކީ ކޮންމެހެން ބޭނުންތެރި އަދި މުހިންމުކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އެހެންވީމަ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ޖަލްސާތަކަށް ވަޑަައިގަތުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." މަޖިލިސް ރައީސް ވިދާޅުވި އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމަށް މިމަހުގެ އެއްވަނަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ޝިޔާމަށް ނަޝީދުގެ އެންގެވުމަކަށް އަނިޔާކުރި ކަމަށް ބުނި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ތިން ޖަލްސާ އާއި މިއަދު ޖަލްސާ ވެސް ބޮއިކޮޓް ކޮށްފައެވެ.

ޝިޔާމް އަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ހަމަލާ ދިން މައްސަލަ އިންސާފުވެރިކަމާއެކު ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބައްލަވާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު މައްސަލަ ބައްލަވާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!