ލައިފްސްޓައިލް

އެންމެ ރަނގަޅު ގޮތަކީ ދެމަފިރިން ވަކިން ނިދުން

ދެން އެމްވީ ، ދެން އޮންލައިން

ފިރިމީހާ ނުވަތަ އަނބިމީހާއާ ހެދި ރަނގަޅަށް ނުނިދޭތީ، ވަކިން އޮވެ ނިދާލަން ބޭނުންވިޔަސް އެ ވާހަކަ ދައްކަން ނުކެރިފައި އެތައް ބަޔަކު ތިބޭނެ އެވެ. ދެމަފިރިން އެއް އެނދެއްގައި ނުނިދާ ނަމަ އެކަން ވަރަށް ގޯސްކޮށް އެހެން މީހުން މާނަކޮށްފާނެތީ އެވެ. އެކަމަކު، ގުގުރި ދެމުމާއި ގައިގައި ޖެހުމާއި މާބޮޑަށް ފިނިވުން ނުވަތަ ހޫނުވުމަކީ އަނެއް ބައިވެރިޔާގެ ސަބަބުން އުނދަގޫ ވެދާނެ ކަންކަމެކެވެ.

Ads by Sosun Fihaara

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ސަބަބުން، ތަންމަތި ވަކިވުމަކީ ދެރަ ކަމެކެވެ. އެކަމަކު ޔުނިވަސިޓީ އޮފް ލީޑްސް އާއި ސައިލެންޓް ނައިޓްގެ ދިރާސާއަކަށް ފަހު ބުނަނީ ދެމަފިރިން ވަކިން ނިދުމުގެ ފައިދާތަކެއް ވެސް އެބަހުރި ކަމަށެވެ.

މި ދިރާސާގައި ބުނެފައި ވަނީ ބައިވެރިޔާގެ ސަބަބުން ރަނގަޅަށް ނުނިދޭ ކަމަށް އިނގިރޭސި ވިލާތުގެ 29 ޕަސެންޓް މީހުން ބުނާ ކަމަށެވެ.

"ބައިވެރިޔާގެ ސަބަބުން އުނދަގޫވާތީ ރަނގަޅަށް ނުނިދޭ ކަމަށް އިނގިރޭސި ވިލާތުގެ ތިން ބައިކުޅަ އެއް ބައި މީހުން ބުނޭ،" ނިންޖާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ނެރީނާ ރަމްލަޚަން މެއިލް އޮންލައިން އަށް ވިދާޅުވެފައިވެ އެވެ.

ދިރާސާއިން އެނގުނު ގޮތުގައި ނިދުމުގެ އާދަ ވަކި ގޮތަކަށް ހަމަޖެހިފައި ވަނީ ވަރަށް މަދު ދެމަފިރިއެއްގެ އެވެ. އަދި މިކަމުގެ ސަބަބުން ރަނގަޅަށް ނުނިދި، ނިދި މަދުވުމުގެ ސަބަބުން ދިމާވާ އެކި މައްސަލަތަކާ ކުރިމަތިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، އަވަސް އަވަހަށް މޫޑު ބަދަލުވުމާއި ފަލަވުމާއި ހިތުގެ ބައްޔާއި ހަކުރު ބަލި ޖެހުން ހިމެނެ އެވެ.

ޑިޖިޓަލް އާލާތްތައް ގިނަވެ، އެ ތަކެތީގެ ސަބަބުން ނިންޖަށް ހުރަސް އަޅާ މިންވަރު އިތުރުވަމުން އަންނައިރު، އެކުގައި ކޮޓަރި ހިއްސާކުރާ މީހުންގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ކުޑަވާނެ ގޮތަކަށް ކޮޓަރީގެ އެތުރުން ބަދަލުކުރުން މުހިންމު ކަމަށް މި ދިރާސާކުރެއްވި ތަޖުރިބާކާރުން ވިދާޅުވެފައިވެ އެވެ.

ނިންޖާ ބެހޭ ގޮތުން ކުރި މި ދިރާސާއިން ދެއްކި ގޮތުގައި އުފާވެރި ދެމަފިރިއެއް ނަމަ އެ މީހުންނަކީ ރަނގަޅަށް ނިދާ މީހުންނަށް ވުމުގެ ފުރުސަތު ބޮޑެވެ. ރަނގަޅަށް ނިދުމުން ކަންކަމާ ހާސްވުން ކުޑަވުމާއި ޔަގީންކަން ބޮޑުވުން ފަދަ އުފާވެރިކަމާ ގުޅުން ހުރި އިހްސާސްތައް އިތުރުވެ އެވެ.

ވަކިން ނިދާ ނަމަ މާ ރަނގަޅަށް ނިދޭ ކަމަށް، ދިރާސާގައި ބައިވެރިކުރި މީހުންގެ ތެރެއިން 71 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ ބުނެލުމަށް ފަހު ނިދަން މަސައްކަތްކުރާ ނަމަ ފަސޭހައިން ނިދޭ ކަމަށް ވެސް ގިނަ ބަޔަކު ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!