ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް އަންނަން ޖެހޭނީ މާސްކު އަޅައިގެން: މިނިސްޓަރު
ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް އަންނަން ވާނީ މާސްކު އަޅައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ދިން ލުއިތަކާއެކު އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތައް ހުޅުވަން މިހާރު ވަނީ ނިންމާފައެވެ. ސްކޫލްތައް ހުޅުވަނީ ގްރޭޑް 1 އިން ފެށިގެން މަތީގެ ގްރޭޑްތަކަށް ކަމަށެވެ. އަދި މާލޭގެ ސްކޫލުތަކުގައި ކިޔަވައި ދޭނީ ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް އެކަންޏެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ދަރިވަރުން ވެސް އަދި ޓީޗަރުން ވެސް ސްކޫލަށް އައުމަށް ހަމަޖެހިފައިވަނީ މާސްކު އަޅައިގެން ކަމަށާއި އަދި ބެލެނިވެރިޔަކު ވެސް ސްކޫލަށް ވަންނަނަމަ ވަންނަން ވާނީ މާސްކު އަޅައިގެން ކަމަށެވެ.
މާސްކު އެޅުމުގެ އުސޫލު ހަމަޖައްސާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތައް ކަމަށާއި އެގޮތުން ދަރިވަރުންނަށް މެޑިކަލް މާސްކު ނުވަތަ ފޮތި މާސްކު އެޅިދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ބޮޑަށް އެދެނީ ފޮތި މާސްކު އަޅައިގެން އައުމަށް ކަމަށާއި އެއީ ހަރަދު ކުޑަކުރުމާއި، ގިނަ ވަގުތުތަކެއްގައި ދަރިވަރުން ތިބެން ޖެހޭނެތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފޮތި މާސްކު ހަދާނެ ގައިޑްލައިނެއް މިހާރު ވަނީ ސްކޫލްތަކާއި ހިއްސާކޮށްފައި. ފޮތި މާސްކު ހެދުމަށް ބޭނުންކުރާ ފޮތި ވާންވާނީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ ފޮއްޗަކަށް. އަދި ފަސޭހައިން ދަރިވަރުންނަށް ނޭވާލެވޭ ފަދަ ފޮއްޗަކަށް. ތިން ލޭޔާ ހުންނަ މާސްކަކަށް ވާންޖެހޭނެ" މިނިސްޓަރު ވިދާޅުވިއެވެ.
އަދި އަންނަ މަހު މާސްކަކީ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ދެކުމަށާއި، މިހާރު ހަމަޖެހިފައި އޮތީ ދަރިވަރުން ނުވަތަ ބެލެނިވެރިން މާސްކު ހަދާ ކަހަލަ ގޮތަކަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުދައްރިސުންނާއި ސްކޫލުގެ އިދާރީ މުވައްޒަފުންނަށްވެސް މިކަމާ ގުޅޭ ޚާއްޞަ ތަމްރީން ދިނުމާއި ދަރިވަރުން ސްކޫލަށް ދާއިރު ހުމްބަލާ ތާމޯމީޓަރުތައްވެސް ސްކޫލުތަކަށް ފޯރުކޯށްދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްކޫލް މާހައުލަތީ ދަރިވަރަށް ރައްކާތެރި މާހައުލެއްކަން ކަށަވަރު ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން އެކި ސްކޫލްތަކުގެ މާހައުލުގެ ތަފާތުތަކަމަށް ވިސްނަވައި އެ ސްކޫލަކަށް އެކަށޭނެ ގޮތަކަށް ސިއްޙީގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.