ލައިފްސްޓައިލް

ފަލަ ކަމުން ކަމަށް ބުނެ ލޯބިވެރިޔާ ރުޅިވުމުން، 25 ކިލޯ ލުއި ކޮށްލައިފި

ބަރުދަން ލުއި ކުރުމަކީ ގިނަ ބަޔަކު ވަރަށް ކުރަން ބޭނުންވާ ނަމަވެސް އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ގިނަ ފަހަރު ނުދެވޭ ކަމެކެވެ. ގިނަ ފަހަރު ބަރުދަން ލުއި ކުރަން މަސައްކަތް ފެށެނީ ކޮންމެވެސް ސިއްހީ ހާލަތަކާ ގުޅިގެންނެވެ. ނުވަތަ އޭގެ ފަހަތުގައި ކޮންމެވެސް އިތުރު ސަބަބެއް ވެސް އޮވެގެންނެވެ. އެގޮތުން ފަލަ ކަމަށް ބުނެ މަލާމާތްކޮށް ހަނގާ ކުރުމުގެ ސަބަބުން ވެސް ގިނަ ބަޔަކު ބަރުދަން ލުއިކޮށްފައި އެބަހުއްޓެވެ. މިއީ ވެސް އެފަދަ މީހެއްގެ ވާހަކައެވެ.

އިންޑިއާ ގެ ބިޒްނަސްމޭން އެއް ކަމަށްވާ 20 އަހަރުގެ ޕްރިންސް އަރީބް އޭނާ އަށް ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެ ލާ އަންނައުނުތައް ބާރުވަމުން އައި ކަމުގައިވިޔަސް އުޅެމުން އައީ ބަރުދަނަށް މާ ބޮޑު ސަމާލުކަމެއް ނުދީއެވެ. ނަމަވެސް އަރީބް ގެ ހަޔާތް ބަދަލުކޮށްލީ އޭރު ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ އޭނާ މާ ފަލަކަމަށް ބުނެ ރުޅިވުމުންނެވެ.

އެހިސާބުން އަރީބުގެ އަޒުމަކަށް ވީ ބަރުދަން ލުއި ކުރުމެވެ. ޑައިޓު ޖައްސާ ކަސްރަތު ކޮށް އަރީބު އޭނާގެ ހަށިގަނޑުން 25 ކިލޯ ލުއި ކޮށްލީ އެންމެ 3 މަސް ދުވަހުގެ ތެރޭގައެވެ. މިކަމުގައި އެންމެ ބޮޑު ސަޕޯޓެއް އޭނާ އަށް ލިބިގެންދިޔައީ ޖިމް ކޯޗުގެ ފަރާތުން ކަން އަރީބު ފާހަގަކުރެއެވެ.

ހެނދުނުގެ ނާސްތާއަށް އަރީބު ކަނީ ކެރެޓަކާއި އާފަލަކާއި ޕްލެއިން އޯޓްސް އެވެ. މެންދުރު ގަޑީގައި އަރީބު ކަނީ 100ގްރާމް ކުކުޅާއި ސެލެޑެކެވެ. ރޭގަނޑުގެ ކެއުމަށް ފެނުކެއްކި 4 ބިހުގެ ހުދުބަޔާއި ރިހަ ފޮދަކާއެކު ކުޑަ ބަތް ކޮޅެއް ކާއިރު ކޮންމެ ކާ ގަޑިއެއްގައި 1 ލީޓަރު ފެން ބޮއެވެ.

މީގެ އިތުރުން އަރީބު ހަފްތާއަކު ހަ ދުވަހު، ކޮންމެ ދުވަހަކު 30 މިނަޓު ކަސްރަތު ކުރުމުގެ 20 މިނަޓު ކުރިން ދޮންކެޔޮ ވަކަކާއި ހޫނު ފެންތަށްޓަކަކަށް ލުނބޯ ހުތްފޮދެއް އަދި މާމުއި ފޮދެއް އަޅައިގެން ބޮއެވެ. ކަސްރަތު ކުރުމަށް ފަހުގައި ވެސް ތާޒާ މޭވާ އެއް ކާ ކަމުގައި އަރީބު ބުނެފައިވެއެވެ.

މިހާރު އަރީބު އޭނާ ބޭނުންވާ ބަރުދަނުގައި ހުރިއިރު، އަރީބުގެ މިހާރުގެ އަމާޒަކީ ޖޯން އަބްރަހަމް ފަދަ ހަށިގަނޑެއް ހޯދުމެވެ. އެކަމުގެ މަސައްކަތް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!