ޖައުފަރަށް ނަފްސާނީ މައްސަލަތަކެއް ދިމާވެފައިވާކަން އެނގިވަޑައިގަތުމުން މައްސަލަ ކުރިއަށް ނުގެންދަން ރައީސް ވަހީދު އެދިއްޖެ
މާލެ އުސްފަސްގަނޑު ސަރަހައްދުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ދެކަނބަލުންނަށް އެމްޑީޕީގެ އެކްޓިވިސްޓު އިބްރާހިމް ޖައުފަރު (ޖެރޯ) ދިމާކޮށްލި ކަމަށް ރައީސް ވަހީދު ތުހުމަތު ކުރައްވާ މައްސަލަ ފުލުހުން އަނބުރާ ނަގަން ނިންމަވާފައިވާ ކަން ރައީސް ވަހީދު ހާމަކުރައްވައިފިއެވެ.
ރައީސް ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަ ކުރިއަށް ނުގެންދިއުމަށް ކަމާ ބެހޭ އިދާރާތަކަށް އެދިިވަޑައިގަންނަވާ ކަމަށާއި އެކަން އަދި ރަސްމީ ކޮށް އަންގަވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ރައީސް ވަހީދު ވިދާޅުވީ އެކަން އެގޮތަށް ކުރަން ނިންމެވީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޖައުފަރަށް އެތައް މައްސަލައެއް ދިމާވެފައިވާ ކަމަށް އެނގިވަޑައިގަތުމުން ކަމަށެވެ.
ރައީސް ވަހީދުއާއި އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އާދިއްތަ ދުވަހު ހެނދުނު އެމްޑީޕީގެ އެކްޓިވިސްޓު ޖޯރޭ ވަނީ މަގުމަތިން ފުރައްސާރަ ކޮށްފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުތުރު އަމަލަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.