ލައިފްސްޓައިލް

ޕާނީ ޕޫރީ ކާން އުޅުމުގެ ސަބަބުން ވެސް ކޮރޯނާ ވައިރަސް ފެތުރޭ: ސިއްޙީ މާހިރުން

ކާންޕޫރް: އިންޑިއާގެ އެންމެ މަޝްހޫރު އެއް ކާނާ ކަމުގައިވާ "ޕާނީ ޕޫރީ" އަކީ ވެސް ކޮރޯނާ ވައިރަސް ފެތުރުމުގައި ވަރަށް އިސް ރޯލެއް އަދާކުރާ އެއްޗެއް ކަމުގައި އެޤައުމުގެ ބައެއް ސިއްޙީ މާހިރުން ބުނެފިއެވެ.

"ގޯލް ގައްޕާ" ގެ ނަމުން ވެސް މަޝްހޫރުވެފައިވާ މިކާނާއަކީ ވަރަށް ގިނަ މީހުންނަށް މީރު އެއްޗެކެވެ.

ނަމަވެސް ސިއްޙީ މާހިރުން ބުނެފައިވަނީ ޕާނީ ޕޫރީ ތައްޔާރުކުރުމަށް މަގުތަކުގައި ގާޑިޔާފަދަ ތަކެތި ބެހެއްޓުމަކީ އެއްވެސް ގޮތަކަށް ސިއްޙަތައް ފައިދާ ހުރި ކަމެއް ނޫން ކަމުގައެވެ. އަދި ޕާނީ ޕޫރީ ކެއުމަށް ގާޑިޔާތައް ކައިރީގައި މީހުން ޖަމާވެފައި ތިބުމުން ވެސް ކޮރޯނާ ވައިރަސް ފެތުރުމަށް ވަރަށް ބޮޑަށް މަގުފަހިވާކަމަށް މާހިރުން ބުނެފައިވެއެވެ.

ސިއްޙީ މާހިރުންގެ މިއިރުޝާދުގެ ސަބަބުން، ކާންޕޫރްގައި މިހާރު މިފަދައިން ޕާނީޕޫރީ ވިއްކުން މިއަދުން ފެށިގެން ވަނީ އެއަވަށުގެ ސަރުކާރުން މަނާ ކޮށްފައެވެ.

ކާންޕޫރްގެ މެޖިސްޓްރޭޓެއް ކަމަށްވާ ޑރ. ބްރަހްމަޑެއޯ ރާމް ތިވާރީ ބުނެފައިވަނީ ލޮކްޑައުނަށް ލުއިދިނުމާއެކު މަގުތަކުގައި މިފަދައިން ކާއެއްޗެހި ވިއްކާ މީހުން ގިނަވެފައިވާ ކަމަށާއި އޭގެ ސަބަބުން ބަލިފެތުރޭ މިންވަރު އިތުރުވެދާނެ ކަމަށެވެ.

މީގެއިތުރުން މިފަދައިން ކާބޯތަކެތި ވިއްކާ ގާޑިޔާތަކުގައި، އެތަކެތި ތައްޔާރުކުރަން ތިބި މީހުން މާސްކު ނޭޅުމުގެ އިތުރުން އަތަށް އަންގިވެސް ނުލައްވާކަމަށް ޑޮކްޓަރު ފާހަގަ ކޮށްފައިވެއެވެ.

އެހެންކަމުން ސަރުކާރުން ނިންމީ، ޕާނީޕޫރީ ތައްޔާރުކުރާ ގާޑިޔާތަކާއި އެހެނިހެން އެފަދަ ގާޑިޔާތަކުން ވެސް އެއްޗެހި ވިއްކުން މަނާ ކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!