ކެންސަރު ޖެހުމަށް މަގުފަހިވާ ކަމަށް ސައިންސްވެރިން ބުނާ ބައެއް ކަންކަން!
ކެންސަރަކީ މުޅި ދުނިޔެއަށް ބެލި ކަމުގައި ވިޔަސް އެންމެ ގިނަ ބަޔަކަށް ޖެހޭ އެއް ބައްޔެވެ.
ހިތުގެ ބަލިތަކަށްފަހު، އެމެރިކާގަަައި ވެސް މިއީ އެންމެ ގިނައިން ޖެހެމުން އަންނަ އެއް ބައްޔެވެ.
ކެންސަރު ޖެހުމުން ހަށިގަނޑުގެ އެތެރޭގައި ހުންނަ ސެލްތަކަށް އަސަރު ކުރެއެވެ.
ކެންސަރު ޖެހިދާނެ ކަމަށް ބައެއް ސިއްޙީ މާހިރުން ބުނެފައިވާ ކަންތައްތަކެއް ނުވަތަ ކެންސަރާއި ގުޅުވާފައިވާ ކަންތައްތަކެއް ވެއެވެ.
އޭގެތެރެއިން ފަސް ކަމަކީ:
▪︎ ހަކުރު
ސައިންސްވެރިން ބުނެފައިވާ ގޮތުގައި މާގިނައިން ހަކުރު ބޭނުން ކުރުމަކީ ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަމެއްގެ އިތުރުން ކެންސަރައް ވެސް މަގުފަހިވާ ކަމެކެވެ. އަލަށް ހެދި ދިރާސާތަކުން ދައްކާގޮތުގައި މާގިނައިން ހަކުރު ބޭނުންކުރުމަކީ ހަަށިގަނޑުގައި ޓިއުމަރު އުފެދި ބޮޑުވުމުގައި ވަރަށް އިސްރޯލެއް އަދާކުރާ ކަމެކެވެ.
▪︎ ދަޅުތަކުގައި ބަންދުކޮށްފައި ހުންނަ ގެރިމަސް/ކުކުޅުމަސް
ފަސޭހައިން ބާގަރ އެއަ ނުވަތަ ސޭންޑްވިޗެއް ތައްޔާރުކޮށްލަން، ބަންދު ކޮށްފައި ހުންނަ މަސްދަޅު ކެއުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ.
ފްރާންސްގެ ސައިންޓިސްޓުންތަކެއް ބުނެފައިވަނީ މިފަދަ މަސްދަޅު ކެއުމަކީ ސިއްޙަތައް ގެއްލުންހުރި ކަމެއް ކަމަށާއި އެތަކެއްޗަކީ ކެންސަރު ޖެހުމަށް ވަރަށް ބޮޑަށް މަގުފަހި ކުރުވާ ކަމެއް ކަމުގައެވެ.
▪︎ ސިނގިރޭޓު ބުއިން
މިއީ ދައްކަން އައު ވާހަކައެއް ވެސް ނޫނެވެ. ސިނގިރޭޓު ބުއިމަކީ ސިއްޙަތައް ވަރަށް ބޮޑަށް ގެއްލުންދޭ ކަމެއްކަމަށާއި ކެންސަރަށް ވަރަށް ފަސޭހައިން މަގުފަހިވާ ކަމެއްކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.
ސިނގިރޭޓު އުފައްދާ މީހުން މިކަން ކިތަންމެ ވަރަކަށް އޮއްބާލަން އުޅުން ކަމުގައިވިޔަސް ސިނގިރޭޓުގެ ދުންފަތުގައި ކެންސަރަށް މަގުފަހިވާ ގާތްގަނޑަކަށް 70 ވަރަކަށް ކެމިކަލް ހިމެނޭކަމަށް ދިރާސާތަކުން ދައްކައެވެ.
▪︎ ވޭޕް ކުރުން
ސިނގިރޭޓު ނުބޯށޭ އެއީ ސިއްޙަތައް ގެއްލުންހުރި އެއްޗެކޭ ބުނުމުން ގިނަ މީހުންނަށް ހީވަނީ ވޭޕް ކުރުމަކީ އެހެންވީރު ރަނގަޅު ކަމެއް ކަމަށެވެ.
ނަމަވެސް މިއީ ކުށްހީއެކެވެ. މިދިޔަ އަހަރު ސައިންޓިސްޓުން ހެދި ދިރާސާއަކަށްފަހު ބުނެފައިވަނީ ވޭޕް ކުރި ގިނަ އަދަދެއްގެ މީހުންނަށް ލަންގް ކެންސަރާއި ބްލެޑަރ ގެ ކެންސަރު ޖެހިފައިވާ ކަމަށެވެ.
▪︎ މާގިނައިން އަވީގައި އުޅުން
މާގިނައިން އަވީގައި އުޅުމަކީވެސް ކެންސަރަށް މަގުފަހިވާ ކަމެކެވެ.
ސްކިން ކެއާރ ފައުންޑޭޝަނަކުން ބުނެފައިވާ ގޮތުގައި އަވީގައި މާގިނައިރު ހުރުމަކީ ހަންގަނޑަށް ގެއްލުން ދިނުމުގެ އިތުރުން ކެންސަރަށް ވެސް ވަރަށް ބޮޑަށް މަގުފަހިވާ ކަމެކެވެ.
އެހެންކަމުން އަތްވަށް ނިކުތުމުގެ ކުރިން ސަންސްކްރީނެއް ނުވަތަ އަވިން ރައްކާތެރިކޮށްދޭނެ ހުރިހާ އެއްޗެއް ބޭނުން ކޮށްގެން އަތްވަށް ނިކުތުން ބުއްދިވެރިއެވެ.