ޚަބަރު

18 އަހަރުން ދަށުގެ ހުރިހާ ކުދިން ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރަން ދަފްތަރެއް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރާއްޖޭގައި ފެތުރެމުން އަންނަ ހިމަބިއްސާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ވަކި ރަށެއް އިސްތިސްނާ ނުކޮށް، ރާއްޖޭގައި ތިބި އުމުރުން 18 އަހަރުން ދަށުގެ ހުރިހާ ކުދިންނަށް ވެކްސިން ޖަހާފައިވޭތޯ ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ، ވެކްސިން ނުޖަހައި ތިބި ކުދިން ފާހަގަކޮށް، އެ ކުދިންނަށް ވެކްސިން ޖަހާނެ ކަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި، މިހާތަނަށް ވަނީ 48 ރަށެއްގެ މައުލޫމާތު އެއްކޮށްފަ އެވެ. އަދި މި ހަފުތާގެ ނިޔަލަށް ހުރިހާ ރަށަކުން މައުލޫމާތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި ދަފްތަރު މި ކުރަނީ ގަސްތުގައި ވިޔަސް އޮޅިގެން ވިޔަސް 18 އަހަރުން ދަށުގައި ވެކްސިން ނުޖަހާ ކުދިންނަކީ ކޮބައިތޯ؟ އެ މަސައްކަތް މިހާރު ކުރަމުން އަންނަނީ. އުއްމީދު ކުރަނީ މާދަމާ އަޅުގަނޑުމެންނަށް ލިސްޓުގެ ބޮޑުބައެއް އެކުލަވައި ލެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ އެ މަސައްކަތް 24 ގަޑިއިރުތެރޭ ނިންމުމަށް އަމާޒު ހިފި ނަމަވެސް އެކަން ކާމިޔާބުނުވި ކަމަށާއި އުއްމީދަކީ މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ހިމެނޭ ދަފްތަރެއް އެކުލަވާލުން ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަލުން ފެންނަން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި ވެކްސިން ޖެހުމަށް އެންމެންނަށް އިލްތިމާސް ކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!