ޚަބަރު

މިދިޔަ އަހަރު ކޯޓުތަކުން 21،000 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވޭ

މިދިޔަ އަހަރު ރާއްޖޭގެ ކޯޓުތަކުން 21،000 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރު މަތީ މަރުހަލާ ކޯޓުތަކާއި ސުޕީރިއަރ ކޯޓުތަކަށް ހުށައެޅުނު 10361 މައްސަލައަކާއި، 2018 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނޭ 5862 މައްސަލައެއް ހިމެނޭގޮތަށް، ޖުމްލަ 16233 މައްސަލައެއް ހިންގާފައިވެއެވެ. މީގެ ތެރެއިން 10724 މައްސަލަ ނިންމާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު މިދިޔަ އަހަރު އަލަށް ޖުމުލަ 10624 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭއިން ބުންޏެވެ. 2018 ވަނަ އަހަރު މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމި ހުރި 4284 މައްސަލައާއެކު، ޖުމުލަ 14908 މައްސަލަ މައްސަލަ މިދިޔަ އަހަރު މެޖިސްޓްރޭޓް ކޯޓުތަތަކުގައި ވަނީ ހިންގާފައެވެ.

ޑީޖޭއޭ އިން ބުނީ އޭގެ ތެރެއިން 10634 މައްސަލަ ނިމިފައިވާތީ މިދިޔަ އަހަރުފެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓް ހުރީ 100.1 އިންސައްތައިގައި ކަމަށެވެ. އެއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 0.5 އިންސައްތަ ކުރިއެރުމެކެވެ.

ޑީޖޭއޭގެ މިއަހަރުގެ އަމާޒަކީ ޝަރުއީ ދާއިރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ ހަލުވި ވެގެންދާނެ އަހަރަކަށް ހެދުމެވެ. އަދި އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، މަސައްކަތްތައް ހަލުވިކުރުމަށް މައްސޫލުވެރިން ގުޅިގެން ކުރާ މަސައްކަތުގައި ބަރަކާތްތަލައްވާ، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ޑީޖޭއޭއިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!