ވިޔަފާރި

ގައުމީ ޝިޕިންލައިން އުފެއްދުމުގެ މަސައްކަތް މި އަހަރު ފަށާނީ

ދެން އެމްވީ ، ދެން އޮންލައިން

ގައުމީ ޝިޕިންލައިން އުފެއްދުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް (އެސްޓީއޯ) އިން ބުނެފި އެވެ.

އެސްޓީއޯ އަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު ރާއްޖެއަށް ގިނަ މުދާ އެތެރެކުރަމުންދަނީ ކަނޑުމަގުން ކަމަށެވެ.

އަމްރު ވިދާޅުވީ ރާއްޖޭގައި ގައުމީ ޝިޕިންލައިނެއް ނެތުމުން މުދާ އެތެރެކުރުމުގައި ދިމާވާ ދަތިތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް ގައުމީ ޝިޕިންލައިނެއް އުފެއްދުމުން މިހާރު ހުރި ދަތިތަކަށް ހައްލުތަކެއް ހޯދި، މުދަލުގެ އަގު ހެޔޮކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ގައުމީ ޝިޕިންލައިން އުފެއްދުމުގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އަމްރު އިއުލާންކުރެއްވި ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ގައުމީ ޝިޕިންލައިން އުފެއްދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެސްޓީއޯ އިން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވެސް އިއުލާންކޮށްފައިވެ އެވެ.

ގައުމީ ޝިޕިންލައިނެއް އުފެއްދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ ގަރާރެއް ހުށަހަޅާ، ގަރާރު ބަލައިގެންފަ އެވެ. މަޖިލީހަށް މިގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

މިގަރާރުގައި ބުނެފައިވަނީ ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުގެ ފްރައިޓް ކޮންޓްރޯލް ކުރުމަށާއި ގައުމީ ސަލާމަތާއި ރައްކާތެރިކަމަށް ދިވެހި ޝިޕިންލައިނެއް އުފެއްދުން މުހިއްމު ކަމަށެވެ. މީގެއިތުރުން އިގްތިސާދީ ގޮތުން ވިސްނާއިރު މީގެ ކުރިން ރާއްޖޭގައި ގައުމީ ޝިޕިންލައިނެއް އޮތް އިރު، އާމްދަނީގެ ގޮތުގައި 12 މިލިއަން ޑޮލަރު ރާއްޖެއަށް ލިބެމުން ދިޔަ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!