ސައުދުގެ ކެންޑިޑޭޓުން ޕްރައިމަރީގައި ވާދަކުރާތީ، ވިލިނގިލީ އެމްޑީޕީ މެމްބަރުން ރަތަށް!
ގއ. ވިލިނގިލީ އެމްޑީޕީ ޕްރައިމަރީއަށް ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކެންޑިޑޭޓުންތަކެއް ނެރެފައިވާތީ، އެރަށު އެމްޑީޕީގެ އިސްބޭފުޅުން ނުރުހުން ފާޅުކޮށްފިއެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ގއ. ވިލިނގިލީ އެމްޑީޕީ ގޮފީގެ އިސް ބޭފުޅަކު ވިދާޅުވީ މިހާރުގެ މެމްބަރު ސައުދު ހުސައިން އުޅުއްވަނީ އެރަށު އެމްޑީޕީގެ މެޖޯރިޓީ އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ކަމަށެވެ.
އެގޮތުން ސައުދު އެމްޑީޕީ ޕްރައިމަރީއަށް ނެރެފައިވާ ކެންޑިޑޭޓުންގެ ތެރޭގައި، އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އޭނާގެ އަނބިކަނބަލުންގެ ކޮށްކޮ ޝަޒްމީން ސިޔާމް އަދި ވިލިނގިލީ ކައުންސިލްގެ ރައީސް ކަމަށް ވެސް އަނބިކަނބަލުންގެ ކޮށްކޮއެއް ކަމަށްވާ މުހައްމަދު ޝަމްލީން ވަނީ ނެރެފައެވެ. އަދި އޭގެއިތުރުން ވެސް ސައުދުއަށް ތާއީދުކުރާ ޓީމެއް ވަނީ ރަށު ކައުންސިލްގެ އެމްޑީޕީ ޕްރައިމަރީއަށް ނެރެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ސައުދު ހުސައިނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގާސިމް އިބްރާހީމް އެ މީހުންނަށް ޓިކެޓް ނުދިނީތޯ. ކީއްވެތޯ އެމްޑީޕީއާ ނުވެސް ބެހޭ ބަޔަކު އެމްޑީޕީގެ ތެރެއަށް ވައްދައިގެން ތިއުޅެނީ. ކޮން ސަކަރާތެއް ޖަހަންތޯ ތިއުޅުއްވަނީ" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިލިނގިލީ އެމްޑީޕީ މެމްބަރުން ތިބީ ނިދާފައި ނޫން ކަމަށާއި މެމްބަރު ސައުދުގެ ރޭވުންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
"އަޅުގަނޑުމެން މިތިބީ ހޭލާ. ތިޔަ ކަހަލަ ހީލަތްތެރި ރޭވުމެއް ކާމިޔާބު ނުވާނެ އިނގޭތޯ" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިލިނގިލި ދާއިރާގެ މަޖިލިސް ގޮނޑި އެމްޑީޕީއަށް ގެއްލުނީ ވެސް އެފަދަ ރޭވުމެއްގެ ސަބަބުން ކަމަށާއި މިފަހަރު ރާވަމުންދާ ރޭވުންތައް ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.
"ދުވަހަކު ވެސް އެމްޑީޕީއަށް ތާއީދު ނުކުރާ ބަޔަކު ނެރެގެން ތިކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ. ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ފިކުރުގެ މެމްބަރުންނަށް އެމްޑީޕީ ޕްރައިމަރީން ވޯޓު ލިބޭނެ ކަމަށް ހީކުރުމަކީ ކުންހީއެއް އިނގޭތޯ" އޭނާ ވިދާޅުވިއެވެ.