ޚަބަރު

މާލޭގައި ދިރިއުޅެން ދަތިވެ، ރަށަށް ބަދަލުވާން ބޭނުން މީހުން ފޯމު ހުށަހަޅަން އެދެފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

މާލޭގައި ދިރިއުޅެން ދަތިވެ ރަށަށް ބަދަލުވާން ބޭނުން މީހުން، އެކަމަށް އެދި ފޯމު ހުށަހެޅުމަށް ޖެންޑާ މިނިސްޓްރީން އެދިއްޖެއެވެ.

Ads by STELCO

މާލޭގައި އުޅޭ 500 އާއިލާއެއް، އަމިއްލަ ރަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާއިރު، އެ އާއިލާތަކަށް ސަރުކާރުން މާލީ އެހީއެއް ދޭނެ ކަމަށް ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި އެއީ ރަށުގައި ދިރިއުޅުން ފަށައިގަތުމަށް ދޭ ލޯނުގެ އެހީއަކާއި ހަ މަސް ވާންދެން އެފަރާތްތަކަށް ދޭ އެލަވަންސެކެވެ.

މިކަމާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަށަށް ބަދަލުވާން އެދޭ ފަރާތްތަކުން، އެކަމަށް ހާއްސަ ކޮށްފައިވާ "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް، ވަޒަންވެރިވާން އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމު" ފުރިހަމަކޮށް، އެމިނިސްޓްރީއަށް ހުށަހެޅުމަށެވެ.

ޖެންޑާ މިނިސްޓްރީންނާއި އެމިނިސްޓްރީގެ ވެބްސައިޓުން ލިބޭ އެފޯމު ހުށަހަޅަން ޖެހޭނީ، ބަދަލުވާން އެދޭ ރަށެއްގެ ރަށު ކައުންސިލަށެވެ.

ސައްބީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މިޕްރޮގްރާމުގައި ރަށަށް ބަދަލު ކުރާނީ އަމިއްލައަށް އެކަމަށް އެދޭ މީހުން ކަމަށާއި އަމިއްލަ މީހެއްގެ ބަދަލުގައި އެއީ އާއިލާއަކަށް ވާން ޖެހޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ކުޑަކުދިން ތިބޭނަމަ، އިސްކަން ދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ރަށަށް ބަދަލު ކުރާނެ މީހުން، އެ ކަމާ ބެހޭ ކޮމެޓީއަކުން އެސެސް ކުރާއިރު އެކޮމިޓީން ބަލާ ކަންތައްތަކުގެ ތެރޭގައި، އާއިލާގައި މީހުން ތިބި އަދަދާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލީ ހާލަތާއި ބަދަލުވާ ރަށުގައި ބޯހިޔާވަހިކަން ހުރިތޯ ބެލުން ހިމެނެއެވެ،

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!