ޚަބަރު

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަކީ އިދިކޮޅުން ދަންނަ ކަމެއް ނޫން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަކީ އެމްޑީޕީގެ ވާދަވެރިން ދަންނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕޭނަށް ހދ. ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފެއްދި އަސާސެއްކަން ކޮންމެ ރައްޔިތަކަށް ވެސް ވަރަށް ބޮޑަށް ސާފުވާނެ ކަމަށެވެ. އެހެންކަމުން އެ ނިޒާމު ހިންގަން އެނގޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީ ކުރުމަކީ އެމްޑީޕީގެ ވާދަވެރިން ދަންނަ ކަމެއް ނޫން. އެ ބޭފުޅުން ރަނގަޅު ވާނީ ރަށު ތެރެއިން އެހެން ކަމެއް ހޯދައިގެން އެކަމުގައި އުޅުއްވުން." ނަޝީދު ވިދާޅުވިއެވެ.

އަދި ޕީޕީއެމް އާއި އެމްޑީޕީގެ ވާދަވެރިން ކުރިއަރާފައިވާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެގޮތުން ފުރަތަމަ ކަމަކީ އެމްޑީޕީއާ ދިމާލަށް ލާދީނީއޭ ގޮތުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެއީ ދިވެހި އެއްވެސް ރައްޔިތަކު ގަބޫލުކުރާ ވާހަކައެއް ނޫން ކަމަށާއި އަދި އެ ފަރާތްތަކުގެ ގައިގައި ހުރި އެންމެ ބޮޑު ހުނަރަކީ ފިތުނަ ފަސާދަ އާއި ދޮގު ހެދުން އަދި ދެބައޮޑުވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ގައުމެއް ހަލާކުވެގެންދާނެ ހުރިހާ ސިފަތަކެއް އެ ބޭފުޅުންގެ ސިޔާސީ ހަރަކާތްތަކުގައި ދައްކަވަމުން އެގެންދަނީ. އެ ބޭފުޅުންގެ ވާހަކަތަކުން، އެ ބޭފުޅުންގެ ކޮންމެ ހަރަކާތަކުން އަޅުގަނޑުމެންނަށް ފެންނަމުން މިދިޔައީ، މި ބޭފުޅުންނަކީ ހަމައެކަނި ފިތުނަ ފަސާދަ އުފައްދަން ތިއްބަވާ ބޭފުޅުންކަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވާދަވެރިންގެ މަސައްކަތަކަށް ފާއިތުވެގެންދިޔަ ދުވަސްތަކުގައި ވެގެން ގޮސްފައިވަނީ އެމްޑީޕީގެ މެމްބަރުންގެ މެދުގައި ފިތުނަ އުފެއްދުމާއި ރުޅިވެރިކަން އުފެއްދުން ކަމަށެވެ. ނަމަވެސް އެމްޑީޕީން ކުރާ މަސައްކަތް ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށާއި އެގޮތުން ކައުންސިލް އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނާ ހަމައަށް ރައީސް ސޯލިހް ވިއްކަމުން ގެންދެވި އުސޫލުތަކަކީ އެމަނިކުފާނުގެ ހިތުގެ އަޑިން ގަބޫލު ކުރައްވާ އުސޫލުތަކާއި ވައުދުތައް ކަމަށާއި ލާމަރުކަޒީ ނިޒާމަކީ ވެސް އެއިން އުސޫލެއް ކަމަށެވެ. އަދި ރައީސް ގަބޫލު ކުރައްވާ އެ އުސޫލަކީ އެމަނިކުފާނު ވެސް ގަބޫލު ކުރައްވާ އުސޫލު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު ތިލަދުންމަތީގެ އަތޮޅުތަކަށް ކުރައްވާ ދަތުރުގައި -- ފޮޓޯ: އެމްޑީޕީ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!