ޕްރިމިއަރ ލީގު ކެންސަލްވެދާނެތީ ހުރީ ބިރުން: ކްލޮޕް
ކޮވިޑް-19ގެ ސަބަބުން ޔޫރަޕްގެ ޤައުމުތަކަށް އައި ލޮޅުމުގައި އިނގިރޭސި ޕްރިމިއަރ ލީގު އެއްކޮށް ކެންސަލްކުރަން ޖެހިދާނެތީ އެކަމާއި ބިރުން ހުރިކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.
ކޮވިޑް-19 ހަލުވިކަމާއިއެކު ޔޫރަޕްގައި ފެތުރެމުން ދިޔައިރު ޔޫރަޕްގެ ބޮޑެތި ލީގުތައްވަނީ މުއްދަތެއް ނެތް ގޮތަށް މެދު ކަނޑާލާފައެވެ. ލީގުތައް ނުފެށި ދެ މަހަށްވުރެ ގިނަ ދުވަސްވުމާއިއެކު މުޅި ސީޒަން ކެންސަލްކުރަންވެސް މަޝްވަރާކުރެވުނެވެ. މިކަމާއި ވަރަށް ބޮޑަށް ކަންބޮޑުވިކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްވަނީ ބުނެފައެވެ.
ލީގު ކެންސަލްކޮށްފާނެތީ ލިވަޕޫލްގެ ކޯޗު ކަންބޮޑު ނުވާންވީ ސަބަބެއް ނެތެވެ. 30 އަހަރަށްފަހު އިނގިރޭސި ލީގު ހޯދުމުގެ ފުރުސަތު އެޓީމަށް ފަހި ވެފައިވާއިރު، ތާވްލްގެ އެއްވަނައިގައި އެޓީމް އޮތީ 25 ޕޮއިންޓްގެ ލީޑަކާއިއެކުގައެވެ. ޗެމްޕިއަންކަން ކަށަވަރުކުރަން އެޓީމަށް ބޭނުންވަނީ ބާކީ އޮތް ނުވަ މެޗުން ދެ މޮޅެވެ.
ޔޫރަޕްގެ ބައެއް ލީގުތައް ކޮވިޑް-19ގެ ސަބަބުން ކެންސަލްކުރިއިރު އެއްވަނައިގައި އޮތް ޓީމަށްވަނީ ޗެމްޕިއަންކަން ދީފައެވެ. ނަމަވެސް ޕްރިމިއަރ ލީގު ކެންސަލްކުރަން މަޝްވަރާކުރީ އެއްވެސް ޓީމަކަށް ޗެމްޕިއަންކަން ނުދޭގޮތަށެވެ. ކްލޮޕް ބުނީ މިވާހަކަތައް އަޑުއިވުމުން މާޔޫސްކަން ލިބުނުކަމަށާއި، ސަޕޯޓަރުންގެ އެތައް އަހަރެއްގެ އިންތިޒާރު ނިމެން ގާތްވެފައިވަނިކޮށް ލީގު ކެންސަލްކުރުމުން އެންމެންނަށްވެސް ލިބޭނީ ބޮޑު ޝޮކެއްކަމަށެވެ.
ނަމަވެސް އަލުން ޕްރިމިއަރ ލީގު ފަށާނެކަމުގެ ޔަގީންކަންލިބުމާއެކު ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށްވެސް އޭނާ ބުންޏެވެ. ލީގު މެދުކަނޑާލިއިރު ރަނގަޅު ފޯމެއްގައި ލިވަޕޫލް އޮތް ނަމަވެސް ކްލޮޕް ބުނީ އަލުން ފަށާއިރު އެ ކުޅުން ފެންނަން ވަގުތު ނަގާނެކަމަށެވެ.
ޕްރިމިއަރ ލީގުގައި ލިވަޕޫލަށް ކުރިއަށް އޮތީ މާސީސައިޑް ޑަރބީއެވެ. އެވަޓަންއާއި ލިވަޕޫލް ވާދަކުރާ މެޗު ކުޅޭއިރު އެޓީމްގެ އަނިޔާގައި ތިބި ގިނަ ކުޅުންތެރިންވެސް މިހާރުވަނީ ފިޓުވެފައެވެ.