ރިޕޯޓް

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި ބާރުތައް މުށުތެރެއަށް!

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ވެރިކަން ކުރާ ކޯލިޝަނުން ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުގެ ތެރޭގައި އެންމެ ބޮޑަށް ކަންބޮޑުވާ އެއް ކަމެއްގެ ގޮތުގައި ފާހަގަކުރީ ޝަރުއީ ދާއިރާގެ ކަންތަކެވެ. ވެރިކަމަށް އައިސް، އެންމެ އަވަހަށް ކުރާނެ ކަމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުން ކަމަށް ގޮވާލިއެވެ.

Ads by MWSC

ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ވާހަކައެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރާނެ އެންމެ މުހިންމު ކަމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުން ކަމަށް ގޮވާލަމުންދިޔައެވެ. އެއީ ވެރިކަން ކުރާ އިއްތިހާދުން ވެސް އޭރު ގޮވާލި ކަންތައްތަކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތެރޭގައި އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ނެގުމަށްފަހު ވެސް އެންމެ ގިނައިން ދެއްކި ވާހަކައަކީ ވެސް އެއީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ޝަރުއީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައި!

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ އަވަހަށް އުފެދުނު އެއް ކޮމިޓީއަކީ ޖުޑިޝަރީ ކޮމިޓީއެވެ. އަލަށް އުފެއްދި އެ ކޮމިޓީއަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ ނަމުގައި އުފެއްދި ކޮމިޓީއެކެވެ. ޖުޑިޝަރީ ކޮމިޓީ އުފެއްދުމާއެކު އެ ކޮމިޓީގެ މަސައްކަތް ހުއްޓުމެއްނެތި ވަރަށް ބާރަށް ކުރިއަށްދިޔައެވެ.

ޖުޑިޝަރީ ކޮމިޓީން އެ މަސައްކަތް ފެއްޓުމާއެކު ވެސް ގިނަ ބަޔަކު މަންޒަރު ވަރަށް ސާފުކޮށް ފެންނަން ފެށިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗާއި ދަށު ކޯޓުތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން ޔަގީން ކުރެވުނެވެ. ކަން ވީ ވެސް އެހެންނެވެ.

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ޖޭއެސްސީ

ޖޭއެސްސީގެ ކޮންޓްރޯލް ނެގި!

ފުރަތަމަ ކުރި ކަމަކީ ޖޭއެސްސީގެ ކޮންޓްރޯލް ހޯދުމެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީއަށްފަހު، އެމްޑީޕީން ދެން ނެގީ ޖޭއެސްސީގެ ފުރިހަމަ މެޖޯރިޓީއެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ޖޭއެސްސީއަށް ވެންނެވުމާއެކު، އެ ކޮމިޝަނުން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.

ޖޭއެސްސީގެ މަސައްކަތްތައް ވެސް ދިޔައީ ވަރަށް ހަލުވި ސްޕީޑުގައެވެ. ފުލުފުލުގައި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށިއެވެ. "ސުލޫކީ މައްސަލަ" ބެލެމުގައި ޖޭއެސްސީ އުޅުނީ ވަރަށް ބުރަކޮށެވެ. ޖޭއެސްސީގެ ރައީސްކަމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފުގެ ވެސް ބާރެއް ނެތެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ބެންޗު -

ސުޕްރީމް ކޯޓު "ދޮވެލީ"!

ޖޭއެސްސީން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ހުށަހެޅި، ޖޭއެސްސީން ބަލަމުންދިޔައެވެ. އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ކުރިއަށްދިޔައީ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެވެ.

މަންޒަރު ދެއްކުމަށް ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ކުރިއަށްގެންދިޔައީ އާންމުންނަށް ހުޅުވާލައިގެންނެވެ. އެ މައްސަލައިގެ ނިންމުމަކަށްވީ އެންމެންވެސް ޔަގީންކޮށްގެން ހުރި ނިންމުމަށެވެ. އެއީ އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުމެވެ. ޖޭއެސްސީން ހުށަހެޅި ގޮތަށް މަޖިލީހުން ވަނީ އަބްދުﷲ ދީދީ، މަގާމުން ވަކިކޮށްފައެވެ.

އަބްދުﷲ ދީދީއަށް ފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަދި ފަނޑިޔާރު އަބްދުލްޣަނީގެ މައްސަލަ ބަލަން ޖޭއެސްސީން ފެށިއެވެ. އެންމެ ފަހުން އެ ތިން ފަނޑިޔާރުން ވެސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމިއެވެ. މަޖިލީހުން ނިންމީ އެ ތިން ފަނޑިޔާރުން ވެސް މަގާމުން ވަކިކުރުމަށެވެ.

ދެން ފެނިގެންދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަރީފް، ރިޓަޔާކުރެއްވި މަންޒަރެވެ. އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ޑރ. އަހްމަދު އަބްދުﷲ ދީދީ ވަކިކުރުމާއެކު ސުޕްރީމް ކޯޓާ ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އަރީފެވެ. އަރީފް ރިޓަޔާކުރެއްވުމާއެކު ދެން ސުޕްރީމް ކޯޓާ ވަގުތީގޮތުން ހަވާލުވެވަޑައިގެންނެވީ ޑރ. އަޒްމިރަލްދާ ޒާހިރެވެ.

އަރީފް ރިޓަޔާކުރެއްވުމާއެކު ޖޭއެސްސީގެ ރައީސްކަމުގެ މަގާމު ވެސް ހުސްވިއެވެ. އަރީފް ރިޓަޔާކުރެއްވުމުން ޖޭއެސްސީގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ޖޭއެސްސީއަށް އައްޔަންކުރެއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިންއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

ސުޕްރީމް ކޯޓަށް މުޅިން އާ ބެންޗެއް!

ހަތަރު ފަނޑިޔާރުން ވަކިކޮށް، އަރީފް ރިޓަޔާކުރެއްވުމާއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެއްކޮށް ބަދަލުވިއެވެ.

ސުޕްރީމް ކޯޓުގެ އެ ހުރިހާ ކަމެއްގެ ކުރިން މިދިޔަ އަހަރުގެ ތެރޭގައި މަޖިލީހުން ވަނީ ފަނޑިޔާރުންގެ ބެންޗު ފަހަކުން ހަތަކަށް ބަދަލުކޮށްފައެވެ. އެ ބަދަލާއެކު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ ދެ އަންހެން ފަނޑިޔާރުންނެވެ. އެއީ ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫންއެވެ.

އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ ބަދަލުގައި ތިން ފަނޑިޔާރަކު އައްޔަންކުރެއްވިއެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ރައީސް ސޯލިހު އުފައްދަވާފައިވާ މަރު ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރެވެ. ގާނޫނަށް ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓަށް އަދި އިތުރު ދެ ފަނޑިޔާރަކު އައްޔަންކުރެވޭނެއެވެ.

މި ބަދަލުތަކާއެކު ޝަރުއީ ދާއިރާ އިސްލާހުވީ ކަމަކަށް ފުންކޮށް ވިސްނާލި މީހަކު ގަބޫލެއް ނުކުރާނެއެވެ. ޝަރުއީ ދާއިރާ އިސްލާހުކުރަން ގޮވާލި މީހުން މިހާރު އެވަނީ ޝަރުއީ ދާއިރާ، އެމީހުންގެ މުށުތެރެއަށް ލައިފައެވެ. މިހެން ކަންތައް ކުރުމުން އިންސާފު ގެނެސްދެވޭނީ ކިހިނަކުން ހެއްޔެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!