މިދުވަސްވަރު ބޭރަށް ނިކުންނަވާއިރު މާސްކު އަޅުއްވާ: ޑރ. ނަޒްލާ
މިދުވަސްވަރު ޒަރޫރީ ބޭނުމެއްގައި ނަމަވެސް ބޭރަށް ނިކުންނަވާއިރު މާސްކު އެޅުއްވުމަށާއި އެހެން މީހުންނާއި ތިން ފޫޓު ދުރުގައި ހުންނެވުމަށް ސަމާލުކަން ދެއްވުމަށް ކޮވިޑް-19 ގެ ޓެގް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޕީއޭގެ ފަރާތުން ކޮންމެ ދުވަހަކުވެސް ގެނެސްދޭ ކުރު ވީޑިއޯ މެސެޖެއްގައި ޑރ. ނަޒްލާ ވިދާޅުވެފައިވަނީ މިދުވަސްވަރު ޒަރޫރީ ބޭނުމެއްގައި ބޭރަށް ނިކުންނަން ޖެހިވަޑައިގެންފިނަމަ މާސްކު އެޅުއްވުމަށާއި އެހެން މީހުންނާއި ތިން ފޫޓު ދުރުގައި ހުންނެވުމަށް އަބަދުވެސް ސަމާލުކަން ދެއްވުމަށެވެ. އަދި އޭގެ އިތުރުން ގިނަގިނައިން އަތް ސާފު ކުރުމަށް ހަނދާން ކުރުމަށް ވެސް ޑރ. ނަޒްލާ އިރުޝާދު ދެއްވާފައިވެއެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކުރުމަށްފަހު ސަރުކާރުން މިހާރު ވަނީ ލުޔެއް ދެއްވާފައެވެ.
އެގޮތުން މިހާރު ފުލުހުންގެ ހުއްދަ އަކާއި ނުލާ ފަތިހު 5:00 ން ރޭގަނޑު 22:00 އަށް ބޭރަށް ނިކުމެވުމުގެ ހުއްދަ އޮތް އިރު، ހަވީރު 16:00 ން 18:00 އަށް ކުޑަކުދިން ގޮވައިގެން ވެސް ނިކުމެވެއެވެ.
މިލުއިތައް ދެއްވި ނަމަވެސް އެޗްޕީއޭ އިން އަދިވެސް އިރުޝާދު ދެއްވަނީ ކޮންމެހެން ނިކުންނަން ޖެހިވަޑައި ގަތުމުގެ ކުރިން ބޭރަށް ނުނިކުތުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އަޅުއްވައިގެން ތިބުމަށެވެ.
"މިދުވަސްވަރު ޒަރޫރީ ބޭނުއްމެއްގައި ގެއިން ނުމުމެވަޑައިގަންނަވަން ޖެހިއްޖެނަމަ، މާސްކް އަޅުއްވާ އަދި އެހެން މީހުންނާ 3 ފޫޓު ދުރުގައި ހުންނެވުމަށް އަބަދުވެސް ސަމާލުކަން ދެއްވާ"
- ޑރ. ނަޒްލާ ރަފީގު pic.twitter.com/MmrvqdVWmS
— Health Protection Agency (@HPA_MV) June 21, 2020