ޚަބަރު

ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ: ޔައުގޫބް

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ އާ ސީޕްލޭން ޓާމިނަލް، ވަރަށް އަވަހަށް ޓީއެމްއޭ އާއި ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދައުލަތަށް ގެއްލުންވާ ގޮތަށް އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނަ އިރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ވަނީ ބަލައިފަ އެވެ. މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ވަނީ ސީޕްލޭން ޓާމިނަލްގެ އޮޑިޓެއް ވެސް ހަދައިފަ އެވެ.

ްއެ މައްސަލާގައި ޔައުގޫބް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްއިން ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭ އާއި ހަވާލުކުރާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ދައުލަތައް ގެއްލުންވާ ގޮތަށް އެތަން ޓީއެމްއޭއާއި ހަވާލުކޮށްފިނަމަ އެ ބަޔަކު ޖަވާބުދާރީ ކުރުވަން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލިއްޔަތު ކޮމެޓީއިން އެ މައްސަލަ ބަލާ އެ ބަޔަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެއްވި އެވެ.

ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށް ދީގެން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލްގެ އޮޑިޓުން ދަައްކާ ގޮތުން ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގައިފި ނަމަ އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެގޮތުން އެ ޓާމިނަލް ހިންގައިގެން އެމްއޭސީއެލްގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމްއޭސީއެލުން ބުނީ ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އައު ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައި ނުވާ ކަމަށެވެ. އަދި މިވަގުތު މަޝްވަރާތައް މަޑުޖައްސާލާފައި ވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!