7 ފެބްރުއަރީ ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ޖަލަށް ދާން ޖެހޭނީ ރައީސް ނަޝީދު: އަދުރޭ
ހަތެއް ފެބްރުއަރީ 2012 ހިނގާދިޔަ ކަންކަން ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ޖަލަށް ދާން ޖެހޭނީ އޭރެގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ވަހީދު، އެޑްވައިޒެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ އެ ދުވަހުގެ މަންޒަރު ވަރަށް ގާތުން ފެނުނު ކަމަށާއި އެ ދުވަހު ރައީސް ވަހީދު އަދާ ކުރެއްވި ގާނޫނު އަސާސީގެ ތެރެއިންރައީސް ވަހީދަށް ލާޒިމް ކުރާ މައްސޫލިއްޔަތު ކަމަށެވެ. އެއީ އެއްވެސް ސަބަބަކާ ހުރެ ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކި ވެއްޖެނަމަ ދެން އެ މަގާމާ ހަވާލުވެވަޑައިގަންނަވަން ޖެހޭނެ ފަރާތަކީ އެވަގުތު ނައިބް ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެެހެންވީމާ އެއީ އަދި ރައީސް ވަހީދު ކުށްވެރިވާންވީ ކަމެއް ނޫން. އެމަނިކުފާނު އަދާކުރެއްވީ ގާނޫނީ މައްސީލިއްޔަޔު، އެކަމަކު ރާއްޖެ 7 ފެބްރުއަރީގެ ފެންވަރަށް ގެނައީ ނުވަތަ އެ ހާލަތު އުފެއްދީ ކެނަރީގެ މުހައްމަދު ނަޝީދު. ވަރަށް ކެރިގެން މި ދަންނަވަނީ. 7 ފެބްރުއަރީ ރަނގަލަށް ތަހުގީގުކޮށްފިއްޔާ ހައްޔަރުވާން ޖެހޭނީ ކެނެރީގެ މުހައްމަދު ނަޝީދާއި އޭނާގެ ބައިވެރިން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ 8 ފެބްރުއަރީ 2012 ގައި ހިނގާދިޔަ ކަންކަން ވެސް ތަހުގީގު ކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން އިސްތިއުފާ ދެއްވުމަށް ފަހު 8 ފެބްރުއަރީގައި ނަޝީދު އޭނާގެ އައުވާނުން ގޮވައިގެން މަގުތަކަށް ނިކުމެ ފުލުހުންގެ ގައިގައި ތަޅައި ތަންތަނުގައި ހުޅު ޖެހައި ގައުމަށް ދިން ގެއްލުން ބަލަން ޖެހޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
2008 ވަނަ އަހަރު އުފެދުނު އިދިކޮޅު އިއްތިހާދުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް އަކަށް ހުންނެވީ ވަހީދުއެވެ. ނަމަވެސް 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ނަޝީދު އިސްތިއުފާ ދެއްވުމުން ވަހީދު ވަނީ ރައީސްކަމުގެ މަގާމާއި ހަވާލުވެ ވަޑައިގެންފައެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ވަހީދު އާއި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން ހިންގެވި ބަޣާވާތަކާއި ގުޅިގެންނެވެ.