ވަޒީފާ ނެތް މީހުންނަށް ހައްލު ހޯދަން ގޮވާލައި ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރު ކޮށްލައިފި
ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ސަރުކާރު މެދުވެރިކޮށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ، އެ މައްސަލަަ މިއަދު ބޭރުކޮށްލައިފިއެވެ.
ޖާބިރު ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް ފެނޭތޯ ނެގި ވޯޓުގައ އެ ކުއްލި މައްސަލައަށް ބަހުސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ ޖާބިރު އެކަންޏެވެ. އަދި ބަހުސް ކުރުމަށް ނުފެންނަކަމަށް 27 މެމްބަރުން ވޯތު ދެއްވާފައި ވެއެވެ
ޖާބިރު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ދޯހަޅިކަމުގެ ސަބަބުން އެކި ސިނާއަތްތަކުގެ ވަޒީފާ އަދާ ކުރާ އެތައްހާސް ބައެއްގެ ވަޒީފާ، ހާއްސަކޮށް ރިސޯޓް މުވައްޒަފުންގެ ވަޒީފާ ގެއްލި އެތައްހާސް އާއިލާއެއް ބިކަހާލުގައި ޖެހިފައި ވާކަމަށެވެ.
އަދި އެމީހުންނަށް މަސައްކަތެއް ނުކުރެވޭ ގޮތަށް ދެމަހަށްވުރެ ގިނައިން ތިބެން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ލިބުމުން ދިޔަ އާމްދަނީ ހުއްޓިފައިވާ ކަމަށާއި އެތަކެއް އާއިލާތަކެއް ބިކަހާލުގައި އުޅެން ޖެހިފައިވާ ކަމަށް އެ ކުއްލި މައްސަލައިގައި ފާހަގަކުރެއްވިއެވެ.
ޖާބިރު ހުށަހަޅުއްވާފައިވަނީ، ރާއްޖޭގެ ހުރިހާ ސިނާއަތްތަކުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަނެވެންދެން ނުވަތަ ވަޒީފާ އަދާކޮށްގެން އާމްދަނީއެއް ލިބެން ފެށުމާއި ހަމައަށް އެފަރާތްތަކަށް ސަރުކާރުން އިނާޔަތް ދެމުން ގެންދިއުމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރިބައުންޑް ކުރުމަށް ބޭނުންވާ ރިސޯސަސް މިހާރުން މިހާރަށް ގާއިމުކުރުމަށް ބިއުރޯއެއް އުފެއްދުމަށް ވެސް ގޮވާލާފައިވެ އެވެ.