ޚަބަރު

ރ. އަތޮޅު އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރަށްރަށަށާއި ރިސޯޓްތަކަށް އަރައި ވައްކަން ކުރަމުންދާ ބަޔަކު އަތުލައިގަތުމަށް ފުލުހުން ރ. އަތޮޅުގައި ފެށި އޮޕަރޭޝަނުގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުން އަންނަނީ ފަޅު ރަށެއްގައި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، ވައްކަން ކުރުމާ މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ރާވައި، ކުށް ކުރަމުން އަންނާތީ އެވެ.

އެމީހުން ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ، ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ ހަ މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެކުރިން ވެސް ރ. އަތޮޅުގައި މިފަދަ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގި އެވެ. އެއީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު އަތުލައިގަތުމަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!