ޚަބަރު

އޯޯޕެކުން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮޕިޑް) އިން 50 މިލިޔަން ޑޮލަރުގެ ލޯނެއް ރާއްޖެ އަށް ދީފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލޯނު އެގްރީމެންޓުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އޯޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުލްހަމީދް އަލް ހަލީފާއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ލޯނުގެ ދަށުން އަށް ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ފަސް ރަށެއްގެ ބަނދަރު ރިހެބިލިޓޭޓް ކުރުމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ބ. ދޮންފަނު، ބ. ކުޑަރިކިލު، ބ. ކިހާދޫ، ގއ. ކޮލަމާފުށި އަދި ގއ. ހޯނޑެއްދޫ ބަނދަރުގެ ހާލަތު ދިރާސާ ކުރުމަށްފަހު އަލުން އާރާސްތުކުރުމަށް ވަނީ ކަނޑައެޅިފައެވެ. އަދި ބ. ދަރަވަންދޫ އާއި ހދ. ނޭކުރެންދޫ، ހދ. ނެއްލައިދޫ، ހދ. މަކުނުދޫ، ށ. ފޭދޫ، ބ. ކެންދޫ، ގދ. ވާދޫ އަދި ގދ. ފިޔޯރީގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރުމަށް ވަނީ ހަމަޖެހިފައިއެވެ.

މި ލޯނުގެ އިންޓްރެސްޓަކީ 4.6 ޕަސެންޓު ކަމަށާއި މިއީ 20 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދައްކާ ހަލާސްކުރަންޖެހޭ ލޯނެއް ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!