ކުޅިވަރު

މިއީ ލިވަޕޫލްގެ ވަގުތު، ލީގުގެ ޗެމްޕިއަންކަން ހޯދަން މިހިރީ ކެތްމަދުވެފައި: ސަލާ

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރަން ފިޔަވަޅަކާއި ގާތަށް ޖެހިފައިވުމުން އެކަމުގެ ހިތްހަމަޖެހުން އެ ޓީމްގެ ކުޅުންތެރިން އައުކޮށްފިއެވެ.

Ads by STELCO

ކްރިސްޓަލް ޕެލަސް އަތުން މޮޅުވެ ލިވަޕޫލުންވަނި އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކުރުމާއި ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. 4-0އިން ލިވަޕޫލް މޮޅުވި މެޗުގައި އެޓީމް ފެނުނީ އާދަޔާ ޚިލާފު ރޫހެއްގައެވެ.

ކޯޗު ޔާގެން ކްލޮޕް މެޗަށްފަހު ބުނީ ކުޅުންތެރިން ދެއްކި ކުޅުމެއް ބަލާއިރު ހީވީ ސަޕޯޓަރުން ދަނޑުގައި ތިބިހެންކަމަށެވެ. އެވަރުގެ ޖޯޝާއި ފޯރި ފެނުނުކަމަށާއި ކުޅުންތެރިން ލީގުގެ ތަށި ޔަގީންކުރަން އިންތިޒާރުކުރަން ބޭނުންނުވާ މިންވަރުވެސް ފެނުނުކަމަށް ކޯޗު ބުންޏެވެ.

"ހީވީ ސަޕޯޓަރުން ދަނޑުގައި ތިބިހެން. އެހާ ފޯރީގަ ހުރިހާ ކުޅުންތެރިން ކުޅުނީ. ދަނޑުގައި ސަޕޯޓަރުން ތިބި ނަމަ މުޅިން ތަފާތު އިހުސާސެއް ކުރެވުނީސް. ހަގީގަތަކީ އަހަރެންވެސް ބޭނުމެއް ނުވޭ އިންތިޒާރުކުރާކަށް. ވީހާވެސް އަވަހަށް ތަށި ޔަގީންކުރަން ބޭނުންވަނީ" ކްލޮޕް ބުންޏެވެ.

ކްރިސްޓަލް ޕެލަސް އަތުން މޮޅުވި މެޗުގައި އެޓީމްގެ ލަނޑުތައް ޖަހައިދިނީ އެލެގްޒެންޑަރ އާނޯލްޑް، ފަބީނިއޯ، މުހައްމަދު ސަލާ އަދި ސަދިއޯ މާނޭއެވެ.

މެޗަށްފަހު ފޯވާޑް ސަލާ ބުނީ މިއީ ލިވަޕޫލްގެ ވަގުތުކަމަށާއި، ޗެމްޕިއަންކަން ޔަގީންކުރުމަށް ކެތްމަދުވެފައިހުރިކަމަށެވެ. ސަލާ ބުނީ ލިވަޕޫލާއި ގުޅުނުއިރުވެސް އުއްމީދަކަށްވީ ޕްރިމިއަރ ލީގު ކާމިޔާބުކުރުންކަމަށާއި، ސަބަބަކީ ލިވަޕޫލްގެ ރައްޔިތުން ޕްރިމިއަރ ލީގުގެ ތަށި ނުލިބި ގިނަ ދުވަސްތަކެއްވަންދެން މިކަމުގެ އިންތިޒާރުގައި ތިބުންކަމަށެވެ. މިދިޔަ ސީޒަންގައިވެސް ޗާންސް ލިބުނުކަމަށާއި، އެހެންނަމަވެސް މެންޗެސްޓަރ ސިޓީން ފަހު ވަގުތު ތަށި ހޯދީ މޮޅަށް ކުޅެގެންކަމަށްވެސް ސަލާ ފާހަގަކުރިއެވެ.

"އަސްލު ލިވަޕޫލްގެ މީހުން ވަރަށް ބޭނުންވެފައި ތިބިކަމެއް މި ތަށި ހޯދުމަކީ، އެހެންވެސް ވަރަށް އުއްމީދުކުރިން ލިވަޕޫލާއި ގުޅުމަށްފަހު މިތަށި ހޯދަން. މިހާރު މިއޮތީ އަހަރުމެންގެ ވަގުތު އައިސް ޖެހިފައި. ކެތްމަދުވެފައި މިހިރީ" ސަލާ ބުންޏެވެ.

ޕްރިމިއަރ ލީގުގެ ތަށި ކާމިޔާބުކުރަން ލިވަޕޫލަށް މިހާރު ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ. ކުރިއަށް އޮތް މެޗުގައި އެޓީމް ނިކުންނަނީ މިދިޔަ ދެ ސީޒަންގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި ދެކޮޅަށެވެ. އެހެންނަމަވެސް މި މެޗަށް ނިކުތުމުގެ ކުރިން ސިޓީ ޗެލްސީއާއި ދެކޮޅަށް ނިކުންނާނެއެވެ. މި މެޗުން ސިޓީ މޮޅު ނުވެއްޖެނަމަ ލިވަޕޫލަށް ތަށި ޔަގީންވީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!