ކުޓީނިއޯ ގަނެވޭނެ ފެންވަރެއް ޓޮޓްނަމްގައެއް ނެތް!
ފިލިޕް ކުޓީނިއޯއަކީ ކުރިއަށް އޮތް ޓްރާންސްފަރގައި ޕްރިމިއަރ ލީގުގެ ކުލަބުތަކުގެ މެދުގައި އެންމެ ބޮޑު ވާދަވެރިކަމަކަށް ދާނެ ކުޅުންތެރިޔާއެވެ. ބާސެލޯނާއިން ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާނަށް ކުޅެމުން އަންނަ މިޑްފިލްޑަރު ޕްރިމިއަރ ލީގަށް އެނބުރި އަންނަން ބޭނުންވާތީ ބޮޑެތި ކުލަބުތަކުން މިހާރު ތިބީ ވިއްދާފައެވެ.
ޕްރިމިއަރ ލީގުގެ ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާ އެނބުރި ލިވަޕޫލަށް އަންނަން ބޭނުންވިޔަސް ކުޓީނިއޯ ގަންނަން ލިވަޕޫލުން ބޭނުމެއް ނުވެއެވެ. ސަބަބަކީ އޭނާ ކުޅޭ މަގާމަށް މިހާރު އެކުލަބުގައި ކުޅުންތެރިން ތިބުމެވެ. އަނެއްކޮޅުން ބާސެލޯނާއަށް ކުޓީނިއޯ ދިޔައީވެސް ލިވަޕޫލުގައި މަޑުކޮށްދޭން ސަޕޯޓަރުން ރޮއެ އާދޭސްކުރަނިކޮށެވެ.
ކުޓީނިއޯ ގަންނާނެކަމަށް އެންމެ ބޮޑަށް ބެލެވުނީ ޓޮޓަނަމެވެ. ނަމަވެސް ހޯސޭ މޮރީނިއޯ ކޯޗުކަންކޮށްދެމުން އަންނަ ކުލަބުގައި އެވަރުގެ މާލީ ތަނަވަސްކަމެއް ނެތްކަމަށް އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރެއެވެ. ޓޮޓްނަމުން ދާދިފަހުންވަނީ ކްލަބްގެ މަސައްކަތްތައް ހުއްޓިފައި އޮތުމުގެ ސަބަބުން 175 މިލިއަން ޕައުންޑުގެ ލޯނެއްވެސް ނަގާފައެވެ. ކުލަބުގެ މާލީ ހާލަތު މިކަމުންވެސް އެނގޭކަމަށް މީޑިޔާ ރިޕޯޓްތަކުގައި ވެއެވެ.
ބާސެލޯނާއިން ކުޓީނިއޯ ވިއްކާލަން ނިންމާފައިވަނީ ކުލަބުގެ މާލީ ހާލަތު ރަނގަޅުކޮށް ކުރިއަށް އޮތް ސީޒަނަށް ފޯވާޑެއް ގެނައުމުގެ ބޭނުމުގައެވެ. ސަބަބަކީ އެތްލެޓިކޯއިން ސޮއިކުރި ގްރީޒްމަންއަށް ސަޕޯޓަރުން ބޭނުންވާ ވަރުގެ ކުޅުމެއް ނުދެއްކުމެވެ.
ކުޓީނިއޯ ހޯދަން ޝައުގުވެރިވާ އަނެއް ދެ ކުލަބަކީ ލަންޑަންގެ ވާދަވެރިންކަމަށްވާ ޗެލްސީއާއި އާސެނަލްއެވެ. މީގެ ތެރެއިން ޗެލްސީންވަނީ ކުޓީނިއޯ ހޯދުމުގެ މަސައްކަތް ސީޒަން ނިމުމުގެ ކުރިން ފަށާފައެވެ. ލޯން އެއްބަސްވުމެއްގެ ދަށުން އަންނަ ސީޒަންގެ ނިޔަލަށް ކުޓީނިއޯ ޗެލްސީން ގެންދަން މަސައްކަތްކުރަނީ ސީޒަން ނިމުމަށްފަހު ކުޅުންތެރިޔާ ގަނެވޭނެ މާއްދާއެއްވެސް ކޮންޓްރެކްޓްގައި ހިމަނައިގެންނެވެ.
ޗެލްސީއާއި އާސެނަލްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑުންވެސް ކުޓީނިއޯ ގަންނަން ބޭނުންވެއެވެ. މިދިޔަ މަހު ސައުދީ އަރަބިއްޔާގެ މަހުޖަނުންތަކެއް އިނގިރޭސި ޕްރިމިއަރ ލީގުގެ ނިއުކާސަލް ގަތުމައިއެކު އެކުލަބުން އަންނަ ސީޒަނަށް ބޮޑު ހޭދައެއް ކުރާނެކަމަށްވަނީ ބެލެވިފައެވެ. މިގޮތުން އެކުލަބުން ކުޓީނިއޯ ގަތުމަށް 45 މިލިއަން ޕައުންޑްގެ ބިޑެއް ތައްޔާރުކުރަމުން އަންނަކަމަށްވަނީ އަޑު ފެތުރިފައެވެ.