ރިޕޯޓް

ޝަރުމީލާ ދެން ހޯދޭނީ ރައްޔިތުންގެ މަޖިލީހަށްތަ؟

ދެން އެމްވީ ، ދެން އޮންލައިން

ފިޓްނަސް އިންސްޓްރަކްޓަރ އިސްމާއިލް ފާޒިލް މިބޭއްވީ ވަރުގަދަ ގިވްއަވޭއެއްތާއެވެ.

Ads by MWSC

"ފިޓްފާއިލް" ގިވްއަވޭގެ ނަމުގައި ބޭއްވުނު އަގުބޮޑު މުބާރާތުގެ ނަސީބުވެރިއެއްގެ ގޮތުގައި އޭނާ ވަނީ "އައިޝަތު ޝާރުމީލާ" ނަމަކަށް ކިޔާ މީހަކު ހޮވާފައެވެ. އެއީ އޭނާގެ ހަގީގަތުގައި ވެސް އުޅޭ މީހެއް ނޫން ކަމަށާއި ފާޒިލް އަމިއްލައަށް އުފެއްދި މީހެއް ކަމުގައި ގިނަ ބަޔަކު ވާހަކަ ދެއްކުމުން އޭނާވަނީ "ޝަރުމީލާ" އަށް އިނާމު ދެނިކޮށް ވީޑިއޯކޮށް މޫނު ބުރުގާ އަޅައިގެން އިން އަންހެނަކާއެކު ފޮޓޯތަކެއް ވެސް ނަގާފައި މީސް މީޑިއާގައި ހިއްސާ ކޮށްފައެވެ.

ނަމަވެސް އެކަން ވެސްވީ ބޭކާރެވެ. ގިނަ މީހުން އެއީ ވެސް ޝަރުމީލާ ނޫން ކަމަށް ބުނެ، ފޮޓޯތަކުން ފެނުނު އަންހެންމީހާއަކީ ފާޒިލްގެ ގާތް އެކުވެރިއެއް ކަމަށްވާ ފާތިނާ ކަމަށް ވެސް ބުނެފައެވެ. ހަގީގަތުގައި މިކަމާއިމެދު ފާޒިލް ވެސް ކަންތައް ކޮށްފައިހުރީ ވަރަށް ޝައްކު ކުރެވޭ ގޮތަކަށެވެ.

މިހާރު މިކަމާއި ބެހޭ ގޮތުން މިވަނީ އެހެން ވާހަކައެއް ވެސް ފެންމަތިވެފައެވެ.

ފާޒިލްގެ ގިވްއަވޭގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއަށް ފޮނުވި ސިޓީއެއް ކަމަށް ބުނެ ސިޓީއެއް މީސް މީޑިއާގައި ވަނީ ދައުރު ވާން ފަށާފައެވެ.

އިންސްޓަގްރާމްގެ އޫޒަރަކު މިއަދު މަޖިލިސް ރައީސް އަށް ފޮނުވިކަމަށް ބުނާ ސިޓީއެއްގައި ބުނެފައިވަނީ ފާޒިލް އިންސްޓަގްރާމްގައި ކުރިއަށްގެންދިޔަ އަގުބޮޑު ގިވްއަވޭ ކާމިޔާބުކުރި އާއިޝަތު ޝަރުމީލާ ހޯދުމުގައި މުޅި ގައުމު އުޅެމުން އަންނަ ކަމަށާއި، އެކަމާއި ގުޅިގެން މަޖިލީސް ހިމޭނުން އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ފިޓްފާޒިލް" ގިވްއަވޭގައި ނަސީބުވެރި ފަރާތަކަށް ފާޒިލް ދޭން ނިންމާފައިވަނީ މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި މޫޗުގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ތަކެކެވެ.

މިހުރިހާ ތަކެއްޗެއްގެ އަގު ބައިލައްކަ ރުފިޔާ އަށްވުރެ ގިނަވާނެ ކަމަށް ޔަގީން ކުރެވޭ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ. އެހެންކަމުން މިތަކެތި ލިބުނު "ޝަރުމީލާ" އެ އިނާމު ލިބުނު ކަން، އަލަށް އަމަލުކުރަން ފެށި އިންކަމް ޓެކްސް ގާނޫނު (ޤާނޫނު ނަންބަރު 25/2019) ގެ ދަށުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އަންގަން ޖެހޭނެ ކަމަށް ވެސް އެސިޓީގައި ބަޔާން ކޮށްފައިވެއެވެ.

އިންކަމް ޓެކްސް ޤާނޫނުގައި ބުނެފައިވާ ގޮތުންނަމަ، 40،000 ރުފިޔާއަށްވުރެ އަގުބޮޑު ހަދިޔާއެއް ލިބިއްޖެނަމަ އެހަދިޔާ މީރާގައި ޑިކްލެއާރ ކުރަން ޖެހޭނެއެވެ. ނަމަވެސް މިހާތަނަށް "ޝަރުމީލާ" އެއިނާމު ޑިކްލެއަރ ނުކުރުމުގެ ސަބަބުން ލިބޭ މާލީ ގެއްލުމާއި އޭނާ ނުފެނިގެން އޭނާއަށް ތާއިދުކުރާ މީހުން ކުރާ ހިތާމައަށް މަޖިލީހުން ފަރުވާއެއް ލިބޭނެ ކަަމަށް ކަށަވަރު ކުރާ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.

"އެހެންކަމުން ޝަރުމީލާގެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީން ބައްލަވާ މިކަމުގައި މަކަރާ ހީލަތްހެދުމާ އޮޅުވާލުމުގެ އަމަލުތަކެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މިމައްސަލަ ހުށަހަޅާ ދެއްވުމަށާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މި މައްސަލަ ފޮނުއްވައިގެން ޓެކުހަށް މަކަރުހެދުމުގެ ސަބަބަބުން ދަޢުލަތަށް ލިބުނުގެއްލުން ދިރާސާކޮށްދެއްވުމަށާއި، މަރާލެވެއިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަބައްލަވާ މަރުކޮމިޝަނު ހާޒިރުކުރައްވައިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީންނާއި ހިޔުމަން ރައިޓްސް ކޮމެޓީން މިމައްސަލަ ބައްލަވާ ދެއްވާ މަޖިލިހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިގެންވެސް މިކަމަށް ރިޢާޔަތްކޮށްދެއްވާ އަވަސް ފިޔަވަޅުތަކެއް އަޅުއްވާދެއްވުން އެދި ދެންނެވީމެވެ" މަޖިލިސް ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

ފާޒިލް ބޭއްވި ގިވްއަވޭގެ އިނާމު ލިބުނު "ޝަރުމީލާ" ހޯދަން ދިވެހިން ކުރަމުން އަންނަ މަސައްކަތައް އަދި އެއްވެސް އަލިމަގެއް ނުފެނުނު ކަމުގައިވިޔަސް، އެމަސައްކަތް އަދިވެސް ހުއްޓައެއް ނުލައެވެ. އުންމީދު ކުރަނީ މިކަމުގެ ހަގީގަތް ވަރަށް އަވަހަށް އެންމެންނަށް ވެސް ހާމަވެގެން ދާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!