ފާއިޒު ރައީސް ސޯލިހަށް ޝުކުރު ދަންނަވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ޖޭއެސްސީގެ ލަފައަކަށް އެދި އެމަނިކުފާނުގެ ނަންފުޅު ފޮނުވިކަމަށްޓަކައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ޝުކުރު ދަންނަވައިފިއެވެ.
މިރޭ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އޭނާގެ ނަން ހިޔާރު ކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އިތުރު ވާހަކަ ދެއްކުން މިވަގުތު ރަނގަޅު ނޫން ކަމަށް ފާއިޒު ވިދާޅުވިއެވެ.
ޖޭއެސްސީން މިއަދު ބުނީ ފާއިޒަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު އަދާކުރެއްވިއިރު އެ ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިސާސްގެ ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިސާސުގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.
އެހެންކަމުން ފާއިޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އަހްމަދު ފާއިޒު ހުސައިނަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން ސުޕްރީމް ކޯޓު އުފެއްދި ދުވަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އެވެ.